ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 އަހަރުގެ ކުއްޖަކާ ގާނޫނީ ގޮތުން ސައްހަ ނޫން ކައިވެންޏެކޮށް، ކުއްޖާ ބަނޑުބޮޑު ވެ ވިހައިފި!

ޒަހަމްކޮށްލި މީހާ އުޅުނީ 13 އަހަރުގެ ކުއްޖަކާ ގާނޫނީ ގޮތުން ސައްހަ ނޫން ކައިވެންޏެއްގައި، ކުއްޖާ ބަނޑުބޮޑު ވެ ވިހައިފި! - ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ވައްޓާލި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު ކޯޓުން ބޭރުން ކައިވެނި ކުރި 13 އަހަރުގެ ކުއްޖަކާ މިހާރު ވިހާފައި ވާކަމަށް ”ސަންގު“ އަށް ކަށަވަރުވެއްޖެއެވެ.

ދޯނީގައި ހިނގައިދިޔަ ދެ ބަސްވުމެއްގެ ތެރެއިން، ހައްމާދު މަރާލުމަށް ހަމަލާދިން އޭނާގެ އެކުވެރިންނަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ މީހުން ކަމަށް ތުހުމަތު ކުރެއެވެ. އަދި ހައްމާދުއަކީ ވެސް އެފަދަ ވިސްނުމުގެ މީހެއްކަމަށް ވާހަކަ ދެކެވެއެވެ. ލަނޑާ ނެގުމުގެ މަސައްކަތުގައި އުޅޭ އެމީހުންގެ ސީދާ އަދަދު ނޭގުނު ނަމަވެސް، މައުލޫމާތު ލިބޭ ގޮތުން ހައްޔަރު ކުރި އެހެން މީހުންނަކީވެސް ކޯޓުން ބޭރުން، އަމިއްލައަށް 18 އަހަރުގެ ކުޑަކުދިންނާއި ކައިވެނިކޮށްގެން ތިބޭ މީހުންނެވެ.

އަމިއްލަ އަށް ކޮށްގެން އުޅޭ މި ކައިވެނިތަކާ ގުޅޭ ގޮތުން މުޅި ސޯޝަލް މީޑިއާ ކެކެމުން ދާއިރު، ރަސްމީ އިދާރާއަކުން ދެއްކި މާ ބޮޑު ވާހަކައެއް ނެތެވެ. މީޑިއާތަކުގެ ޕްރެޝަރާއި، ސޯޝަލް މީޑިއާގައި މީހުން ކަންބޮޑުވުންފާޅު ކުރުމަށް ފެށުމުން ޖެންޑާ މިނިސްޓްރީއިން ވަނީ ޓްވީޓެއްކޮށް ބުނެފައިވަނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ވަގުތުން ފުރިހަމަކުރި ކުރި ކަމަށެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގު އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ.

ސައްހަ ނޫން ކައިވެންޏެއް ކުރި މައްސަލަ ޖެންޑާއިން ބަލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން، ނަމަވެސް އޭނާއަށް އެ މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ލިބިފައިނުވާއިރު 13 އަހަރުގެ އެ ކުއްޖާ މިހާރު ވީތަނެއް ނޭނގެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ދަންވަރު ހައްމާދުއަށް އޭނާގެ ބައިވެރީން ހަމަލާދިނީ ވަޅީންނެވެ. ސަންގުއާއި ވާހަކަ ދެއްކި އެ ރަށުގެ މީހަކު ބުނީ އޭނާއަށް ލިބެފައިހުރީ ސީރިއަސް ޒަހަމްތަކެއް ކަމަށެވެ. އަދި ބަލާބެލުމަށް އެއީ ސީދާ މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ކަމަށް ބެލެވޭކަމަށެވެ.

ހަމަލާ ދިނުމާއި ގުޅިގެން އޭނާ ކަނޑައަށް ފުންމާލީކަމެއް، ނުވަތަ ހަމަލާ ދީ ކަނޑަށް ވައްޓާލީކަމެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް، އެހާ ހިސާބުން ހިނގައިދިޔަ ކަންތައް ބައެއް މީޑިއާތަކުން ވެސް ވަނީ ގެނެސްދީފައެވެ. އެގޮތުން ރާއްޖޭގެ އޮންލައިން ނޫހެއްކަމަށް ވާ ”މިހާރު“ އިން ބުނެފައިވަނީ އއ. މާޅޮހަށް ހައްމާދު ފަތާ އަރާފައިވަނީ ދަންވަރު 3 ޖަހާހާއިރު ކަމަށެވެ. އަދި އެ ރަށުން ބައްދަލުވީ ދެ މީހުންނަށް ”އިންސާނެކޭ ސަލަމާތް ކޮށްދޭށޭ“ ބުނި ކަމަށެވެ. އަދި އެ މީހުން ގާތުވެސް ބަޔަކާއި ބައިޔަތު ނުހިފުމުން ޒަހަމްކޮށްލީކަމަށް ވެސް ބުނެފައިވާކަމަށެވެ.

ސަންގުއާއި ވާހަކަ ދެއްކި މީހާ ބުނީ، ރަށުގެ ގިނަ މީހުންނަށް އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން އެނގުނީ ވެސް ހެނދުނު ކަމަށެވެ. އަދި ރަށުގެ ތެރޭގައި އޭނާއާއި ގުޅޭގޮތުން ވާހަކަތައް ދެކެވެމުން ދާއިރު، އެ ބުނާ ދޯނީގެ ފަޅުވެރިން ރަށަށް އަރައި ސުވާލު ކުރިކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. އެހެން ނަމަވެސް، ހައްމާދު މަރު ނުވާކަން އެނގުމުން ރަށަށް އެރި މީހުންގެ އަދަދާއި ގުޅޭގޮތުން ވާހަކަ ދެކެވެނީ އެކި ގޮތަަށް ކަމަށް އޭނާ ބުންޏެވެ.

އެމްއެންޑީއެފްއިން މީޑިއާތަކާއި އެ މައުލޫމާތު ތައް ހިއްސާކުރީ ޖެހިގެން އައި ދުވަހުގެ ހެނދުނުއެވެ. އޭރު ސޯޝަލް މީޑިއާގައި ދިޔައީ ހައްމާދުގެ ފޮޓޯތައް ދައުރުވަމުންނެވެ. އޭރު އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގެއެވެ.

ކޮންމެއަކަސް، ހައްމާދު އާއި ދޯނީގައި ތިބި މީހުންނަކީ ދީނީ ހަރުކަށި ވިސްނުމުގެ މީހުން ކަން ވަނީ ޔަގީން ވެފައެވެ. އެހާ ގިނަ ދުވަސްވަންދެން އެކުގައި އުޅުނު ބަޔަކު، ހައްމާދުއަށް ހަމަލާދޭން ޖެހުނީ އާދައިގެ ކަމަކަށް ނޫންކަން ބުއްދި ގަބޫލު ކުރެއެވެ. އެއީ ކިހާވަރެއްގެ ރޭވުމެއްކަމެއް ވެސް ނޭނގެއެވެ.

ހައްމާދަށް މިހާރު އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އައިޖީއެމްއެޗްއިން ވަނީ ހައްމާދުގެ ހާލަތާއި ގުޅޭގޮތުން އަދި ހަމަލާ ދީފައި ހުރިތަންތަނާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ.

އަޑުތައް ފެތުރިފައިވާގޮތުން ހައްމާދުއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ގައި ވެއްޓި، އެމްޑީޕީން އޭރު ސިލްސިލާކޮށް ކުރި މަގުމަތީ މުޒާހަރާތަކުގެ ތެރެއިން އެއް މުޒާހަރާގައި، ވީޓީވީ އަށް ގާ އުކި މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކުރެވުނު މީހެކެވެ.

ހައްމާދުއަަށް ހަމަލާ ދީފައި މިވަނީ، ރާއްޖޭގައި ދީނީ ހަރުކަށިކަން އޮތް މިންވަރު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުންވެސް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. ގޮތް ނޭނގޭ މަރުތަކާއި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް މި ސަރުކާރުން އެކުލަވާލި ކޮމިޝަނުން ވަނީ ޑރ. އަފްރާޝީމް އަލީ އާއި، ބްލޮގާ ޔާމީން ރަޝީދު އަދި ނޫސްވެރިޔާ ރިލްވާން އަހުމަދު ގެ މަރުގެ މައްސަލައިގެ މައުލޫމާތު ހާމަކޮށްފައެވެ. ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވަނީ އެ މަރުތަކުގެ ފަހަތުގައި ވަނީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށެވެ.

ހައްމާދަށް ދިން ހަމަލާ އިން، ހޯދަން މަސައްކަތް ކުރި މައުލޫމާތު އެނގުނީ މައްޑުއްވަރީގައި ކޮންމެވެސް ވަރަކަަށް ނަމަވެސް ދީނީ ގޮތުން ހަރުކަށި މީހުން އުޅޭކަމެވެ.

ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތް ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކޮށްދެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: