ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާނީ ކިހިނެއް؟

ކުޑަދިންގެ ރަސްރަނި ބަގީޗާގައި : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކުޑަކުދިންނަކީ، އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތާ، ދިވެހި ގައުމުދެކެ ލޯބިވާ، ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭ ސިއްހަތު ރަނގަޅު ބަޔަކުކަމަށް ހެދުމަށްޓަކައި މަސައްކަތް ކުޅައުމީ، ދިވެހި ސަރުކާރާއި މައިންބަފައިންނާއި ރައްޔިތުންގެ ވާޖިބެކެވެ. 

އެގޮތުން މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އުފަންވުމާދެމެދު ކުއްޖާގެ ސިއްހަތާއި މައިމީހާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެގޮތުން މައިންބަފައިން ކަންތައް ކުރަންވީ ގޮތުގެ އިރުށާދު ދިނުމާއި، އެކުދިންނަށާއި އެކުދިންގެ މައިންނަށް އެކި ދުވަސްވަރު ކޮންމެހެން ދޭންޖެހޭ ރައްކާތެރިކަމުގެ ސިއްހީ ފަރުވާ ދިނުމާއި، ބޭސްފަރުވާ ކުރުމުގެ އިންތިޒާމު އެވަގުތަކު ރާއްޖޭގެ ހާލަތު ތަންދިން ގޮތެއްގެ މަތިން ހަމަޖައްސައިދޭންވާނެއެވެ. އަދި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައިވެސް ކުޑަކުދިންނަށް ކޮންމެހެން ބޭނުންވާ ކާނާއާއި ބޭސްފަދަ ތަކެތި، ލުއިފަސޭހަ ގޮތެއްގެމަތިން ލިބިދިނުމަށް ބާރުއަޅަން ވާނެއެވެ.

ހަމައެހެންމެ އެކިއެކި ވަބާތަކާއި ރޯގާތަކުން ރައްޔިތުން ދިފާއު ކުރުމުގެގޮތުން ދޭންޖެހޭ ވެކްސިންދިނުމުގަޔާއި، އެނޫންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގަޔާއި، ރޯގާ ބަލިމަޑުކަން ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި ކުޑަކުދިންނާމެދު ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. ޅަފަތުގައި ކުޑަކުދިން މަރުވުމަށް ދިމާވާ ސަބަބުތައް ހޯދައި ބަލައި، އެފަދަ ސަބަބުތައްހޯދައި ބަލައި، އެފަދަ ސަބަބުތައް ނައްތާލުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތް ތަކެއް ކޮށް އެކަމުގައި އާންމުކޮށް ރައްޔިތުންނަށް ދޭންޖެހޭ އިރުށާދުތައް ދޭންވާނެއެވެ.

ރާއްޖޭގެ އިގްތިސާދާއި ސަރުކާރުގެ ކެރިފޯރުން ތެރިކަން ތަންދިން މިންވަރަކަށް، ރާއްޖޭގެ ކުޑަކުދިންގެ ތައުލީމާއި ތަރުބިއްޔަތާބެހޭ ކަންތައްތައް، ރާއްޖޭގެ މީހުންއުޅޭ ކޮންމެ ރަށެއްގައިވެސް އެރަށަކާ ގުޅޭގޮތެއްގެމަތިން ކުރިއަށް ގެންދަން ވާނެއެވެ. ވަކިންހާއްސަކޮށް، ދީނީގޮތުން އެނގުން ލާޒިމުވާ މިންވަރު ކޮންމެ ކުއްޖަކަށްވެސް އުނގެނެވޭނެގޮތް ހަމަޖައްސައި ދޭންވާނެއެވެ. ހަމައެހެންމެ، ކުޑަކުދިން ކުޅިވަރުކުޅެ މުނިފޫހި ފިލުވުމަށް ނުކުމެ އުޅޭނޭ ތަންތަން އެވަގުތަކު ތައްޔާރު ކުރެވެންހުރި މިންވަރަކަށް ތައްޔާރު ކޮށްދޭން ވާނެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ދަށުން ސިކުނޑި ހަމަނުޖެހޭ ކުދިންނަށާއި، ޖިސްމާނީގޮތުން ނުކުޅެދޭ ކުދިންނަށް، އެކުދިންނަށް ލިބިފައިވާ އުނިކަން ލުއިކޮށްދިނުމަށް ދޭންޖެހޭ ފަރުވާ ދިނުމުގެ ކަންތައްއެވަގުތަކަށް ހަމަޖައްސައިދެވެން އޮތްގޮތެއްގެ މަތިން ހަމަޖައްސައި ދޭންވާނެއެވެ. އަދި އެފަދަ ކުދިންނަށް ބޭނުންވާ ހާއްސަ އެހީ ލިބިދީގެން، މުޖްތަމައުގެ ކަންތައްތަކުގައި އެކުދިން ބައިވެރިކުރެވޭތޯ ބަލަންވާނެއެވެ.

ހަމައެހެންމެ ޓީވީއާއި ރޭޑިޔޯގެ ޕްރޮގްރާމްތަކުގެ ތެރޭގައި ކުޑަކުދިންނަށް ބޭނުންތެރި މައުލޫމާތާއި އިރުށާދު ހިމެނޭ ހާއްސަ ޕްރޮގްރާމްތައް ހިމަނުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިން ހޭލުންތެރި ކުރުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަދި މިފަދަ ޕްރޮގްރާމް ތަކުގައި ކުޑަކުދިންގެ ވިސްނުމަށް ނުވަތަ އަހްލާގަށް ނޭދެވޭ އަސަރެއް ފޯރާފަދަ ބަސްތަކާއި މަންޒަރުތައް ހުރެގެން ނުވާނެއެވެ.

މީގެއިތުރުން މަގުމަތީގަޔާއި އާންމު ތަންތާނގައި އަދަބާހިލާފު ކަންތައްތައްކޮށް، ގަވާއިދާ ހިލާފަށް އުޅޭކުދިން އެފަދަ ކަންތައްތަކުން ދުރުހެލިކުރުމަށް މަސައްކަތް ކުރަންވާނެއެވެ. މިގޮތުން ފިޔަވަޅު އަޅައިގެން އިސްލާހުނުވާ ކުދިން އިސްލާހުކޮށް، ތަރުބިއްޔަތު ކުރުމުގެ ކަންތައް އެވަގުތަކަށް ސަރުކާރުން ހަމަޖެއްސެން އޮތްގޮތެއްގެ މަތިން ހަމަޖައްސަން ވާނެއެވެ. ކުދިންކުރާ ކުށުގެ މައްސަލަތައް ބަލައި، ތަހްގީގުކޮށް، އިންސާފުކޮށް އަދަބުދޭންޖެހޭ ކަންތައްތަކުގައި އަދަބުދޭނޭ ވަކިނިޒާމެއް ހަމަޖައްސަން ވާނެއެވެ. އަދި މުކައްލަފުން ކަމުގައި ނުހިމެނޭ ކުދިންކުރާ ކުށްކުށުގައި އިސްކަން ދޭންވާނީ އަދަބެއްނުދީ އިސްލާހުވޭތޯ ބެލުމުގެ މައްޗަށެވެ. 

އާންމުގޮތެއްގައި ހުރިހާ ކުޑަކުދިންނާ މެދުގައިވެސް ހަމަހަމަކަމާއި އޯގާތެރިކަންބަހައްޓައި، އެކިއެކި ހިދްމަތް ލިބިދިނިމުގައި ކުޑަކުދިންނަށް އިސްކަންދޭންވާނެއެވެ. އަދި ހިނގާބިނގާވެ އުޅުމުގަޔާއި އެއްގަމުގައި ނުވަތަ ކަނޑުމަގުން،ނުވަތަ ވައިގެ މަގުން ދަތުރު ފަތުރު ކުރުމުގަޔާއި، އާންމު ކަންކަމުގައި ކުޑަކުދިންނަށާއި މާބަނޑު އަންހެނުންނަށް ރައްކާތެރިކަމާއި އެހީ ތެރިކަން ދޭންވާނެއެވެ. އެއްގަމާއި، ކަނޑާއި ވައިގެމަގުން މީހުން އުފުލާ އުޅަދުތަކުން ދަތުރަށް ފީނެގުމުގައިވެސް އުމުރުން 12 އަހަރުނުވާ ކުދިންނަށް ހާއްސަ އިނާޔަތެއް ދޭންވާނެއެވެ.

މީގެއިތުރުން ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާނޭ ކަމެއް، އެއްވެސް މީހަކު ކޮށްގެންނުވާނެއެވެ. އަދި އެއްވެސް ކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް، ނުވަތަ އަނިޔާވެރިއަމަލެއްވެސް ހިންގައިގެން ނުވާނެއެވެ. ކުޑަކުއްޖަކާމެދު އެއްވެސް މީހަކު މިފަދަކަމެއްހިންގައިފިކަން އެނގިއްޖެނަމަ، ނުވަތަ މިފަދަ ކަމާމެދު ތުހުމަތު ވެއްޖެނަމަ، ސަރުުކާރުގެކަމާބެހޭ ފަރާތަކަށް ލަސްނުކޮށް އެކަން އެންގުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވޅެއްކަން ޔަގީނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: