ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުތަކަށް ކަނޑައެޅިފައިވާ ބަޖެޓް ލިބުމުން ދަތިތަކަށް ޙައްލު ލިބޭނެ- ނައިބު ރައީސް

ނައިބު ރައީސް ކުޅުދުއްފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުން... ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ޒިންމާތައް އިތުރުވެ އަންނަ އަހަރުގެ ބަޖެޓުން ކައުންސިލުތަކަށް ކަނޑައެޅިފައިވާ ބަޖެޓް ލިބުމުން ކައުންސިލަރުންގެ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ހއ.ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެރަށުގެ ކައުންސިލުން ވަނީ ދިމާވެފައިވާ ދަތިތައް އެމަނިކުފާނާއި ޙިއްސާކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަނީ ޙިއްޞާކުރައްވާފައެވެ.

ކައުންސިލަރުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ މައްސަލައާއި މީހުން ތަމްރީނުކޮށް އެކިދާއިރާތަކުން މީހުން ބިނާކުރުމުގައި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުގެ އިދާރާގެ ޖާގައިގެ ދަތިކަމުން ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ހުރި ދަތިތައް ކައުންސިލަރުން ފާހަގަކުރެއެވެ.

ކައުންސިލުން ހިއްސާކުރި މިކަންކަން އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހަމަޖެހިގެން ދާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ. އަދި ކައުންސިލުން ކަންކަން ކުރުމުގައި ރައްޔިތުންނާއި ޚިޔާލު ހޯދައި ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުށްޓަށް ކުރެއްވި މި ޒިޔާރަތުގައި މިއަދު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި މިއަހަރުގެ ހިތާނީ ކޭންޕު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ސްޓާފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް، ބައެއް ސަރަހައްދުތަކުގައި މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ތަފާތު އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމަށް އެކި ރަށްރަށުންވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ ހޮސްޕިޓަލެއް ކަމުގައިވާތީ އެ ހޮސްޕިޓަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އޯގާތެރިކަމާއެކު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ހޮސްޕިޓަލުގެ މެނޭޖުމަންޓާއި ސްޓާފުންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ވަނީ އެރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ވެސް ބައްލަވައިލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: