މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބަޖެޓުން ފައިސާ ދިނުމުގެ މަސައްކަތުގައި ޔޫތް މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯންނާނެކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
ނޫސްވެރިން ތަމްރީނުވުމަށް ފުރުސަތު ފޯރުކޮށްދީ، މާލީ ގޮތުން މިނިވަންކަން ގާއިމު ކުރުމަށް މަސައްކަތްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެންމެ ފަހުން މާލީ އެހީތެރިކަން ލިބޭ މީޑިއާތައް އިއުލާނު ކުރުމަށް ފަހު، އެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހަވާލުކުރީ ލިބުނު ބައެއް ޝަކުވާތަކަށް ފަހު އެވެ. އަދި ކޮމިޝަނުން ކުރި އިއުލާނާއި އެއްގޮތަށް، މީޑިއާ ގްރާންޓަށް އެދި ހުށަހެޅި 41 މީޑިއާއެއް ޝަރުތު ހަމަވާކަމަށް އިއުލާނުކޮށް ލިބުނު ޕޮއިންޓުތައް ވަނީ އާންމުކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލު ކުރީ، މަސައްކަތް ކުރިޔަށް ގެންދިޔައީ އެންމެ އިންސާފުވެރި ގޮތަށްތޯ ގަބޫލު ކުރައްވަންތޯ އެވެ. އަދި ކޮމިޝަނުން ފޯމުތައް އިވެލުއޭޓު ކުރުމަށް އެކަށީގެންވާ ވަގުތު ދިންތޯއާއި އެކު، މިނިސްޓްރީގެ ދައުރާއި މެދު ސުވާލު އުފެއްދި އެވެ.
ޖަވާބުގައި އަސްވާޑު ވިދާޅުވީ، މީޑިއާ ގްރާންޓު ދޫކުރުމުގެ މަސައްކަތުގައި މީޑިއާތަކުން ކަންބޮޑުވުންފާޅުކުރީ އޭނާގެ އިހުމާލެއްގެ ސަބަބުން ނޫންކަމަށެވެ. މަސައްކަތް ވީހާވެސް ރަނގަޅަށް ކުރިޔަށް ދާން ނޫސްވެރިން ބޭނުންވާތީ އައި ޝަކުވާތައް އެއީ ރަނގަޅު ކަންބޮޑުވުންތަކެއްގެ ގޮތުގައި ގަބޫލުކޮށް އެކަން ކޮމިޝަނާއި ހަވާލުކުރީކަމަށް އަސްވާޑު ވިދާޅުވި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވައި އަސްވާޑު ވިދާޅުވީ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ގޮތުގެ ފުރިހަމަ ތަފްސީލާއި އެކު ދެފުށް ފެންނަ ގޮތަކަށް އެނގެން ޖެހޭކަން ގަބޫލު ކުރައްވާކަމަށެވެ.
މީޑިއާތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޝަރުތު ހަމަވާ 41 މީޑިއާ ހިމެނޭ ލިސްޓެއް މިހާރު ކަނޑައަޅާފައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންކަމަށްވާއިރު މިނިސްޓަރ ވިދާޅުވީ މިވަގުތު މިނިސްޓްރީއަށް ލިބިފައި ވަނީ، މީޑިއާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓެއްކަމަށެވެ. ނަމަވެސް މިކަން އެކަށީގެންވާ ގޮތެއްގައި ކުރުމަށް، އިތުރު މައުލޫމާތަށް ކޮމިޝަނަށް އެދިފައިވާކަމަށް ވިދާޅުވި އެވެ.
މީޑިއާތަކަށް މާލީ އެހީދިނުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ، މިނިސްޓްރީން ނަމަވެސް އޭގައި ބައެއް ކަންބޮޑުވުންތަކެއް އައިސް ލިބުނު ޝަކުވާތައް ގަބޫލު ކުރިކަމަށް އަސްވާޑު ވިދާޅުވި އެވެ. އަސްވާޑު ވިދާޅުވީ މަސައްކަތް މީޑިއާ ކޮމިޝަނުން ކުރިޔަށް ގެންދިޔައިރު މިކަމަށް ބޭނުންވާ އުސޫލުތައް ގާއިމުކޮށް، މީޑިއާތަކާއި ބައްދަލުކޮށް، މައިލޫމާތު އެއްކޮށް، ހުރިހާ މަރުހަލާއެއް ފުރިހަމަ ކޮށްފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، މި މަސައްކަތުގައި މިނިސްޓްރީގެ ދައުރަކީ މިހާރު ހަމައެކަނި މެދުވެރިއެއްގެ ދައުރެވެ. އެގޮތުން މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތަކީ ތަފްސީލްތައް ލިބުމާއެކު މީޑިއާ ތަކަށް ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުންކަމަށް ވިދާޅުވި އެވެ. އަދި އެކަމުގައި އެއްވެސް އުނިއިތުރު ކުރުމަކާއި ނުލައި، މީޑިއާ ކޮމިޝަނުގެ ނިންމުން ތަންފީޒުކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މާލީ އެހީ ވަކި ބަޔަކަށް ލިބިފައި ވާތީ އެކަމުގެ ޝަކުވާތައް އައިސް، އެއީ އޭނާގެ މަސްލަހަތު އޮތްކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ކަންބޮޑުވުންފާޅުކުރި ނަމަވެސް އެކަމުގައި މިނިސްޓްރީގެ އެއްވެސް ދައުރެއް ނެތްކަމަށް އަސްވާޑު ވިދާޅުވި އެވެ. ކޮމިޝަނުން ނިންމާ ނިންމުމަކީ ފަހުގެ ނިންމުން ކަމަށާއި، އެކަމުގައި އޭނާ އެއްވެސް އޮޕީނިއަނެއް ނޯންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

