ދިވެހިރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ އެޖެންސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
އެންސްޕާއިން ބުނި ގޮތުގައި މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެންނެވި ހިޔާލުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ގެނެވޭ ބަދަލެކެވެ. މިގޮތުން އިޖްތިމާއީ ސިއްހީ އިންޝިއުރަންސްގެ ގައުމީ ނިޒާމު ”އާސަންދަ ސްކީމް“ ގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
މި އާ ނިންމުމުގެ ދަށުން، ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދަ ސްކީމްގެ ދަށުން ކަވަރޭޖް ލިބޭނެއެވެ. މިއީ ޕްރިސްކްރިޕްޝަން އައިނު ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ފޯރުކޮށްދިނުމަށް އެޅޭ ފިޔަވަޅެއް ކަމަށް އެންސްޕާއިން ފާހަގަކުރެއެވެ.
އެންސްޕާއިން އިތުރަށް ބުނެފައިވަނީ، މިކަން ތަންފީޒުކުރުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 15 ޖަނަވަރީ 2026 އިން ފެށިގެން އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން އާސަންދައިގެ ހިދުމަތް ލިބެން ފަށާނެ ކަމަށް އެ ބަޔާނުގައިވެއެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި އައިނު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އައިޖީއެމްއެޗްގައި އޮޕްޓިކަލް ހިދުމަތް ގާއިމުކުރީވެސް އާންމުންނަށް މި ހިދުމަތް ހޯދުމުގައި ހުރި ބުރަތައް ކުޑަކުރުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިހާރު އޮންނަ އުސޫލުން އާސަންދައިން އައިނު ހެއްދުމަށް ކަވަރު ކުރަނީ 1,000 ރުފިޔާއެވެ. ނަމަވެސް އާސަންދައިން ދޭ އަދަދު ބޮޑުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، މި ގެނެވޭ ބަދަލާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

