ރާއްޖެ އޮތީ ހަނގުރާމައިގެ ތުންފަތްމަތީގައި ކަމަށް މެމްބަރު ޝަހީމް ވިދާޅުވެއްޖެއެވެ.
ޝަހީމް އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާ ވާހަކަދައްކަވަމުންނެވެ. އެ ކުއްލި މައްސަލަ ބަލައިގަތީ، 41 މެމްބަރުންގެ އިއްތިފާގުންނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ބޭނުންވަނީ 21 މެމްބަރުންގެ ވޯޓެވެ.
އެ ގަރާރަކީ، ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ސެލްތައް އުފެދިފައިވާތީ އާއި، ށ.އަތޮޅުގެ ރަށަކަށް އަރާ އެރަށް ހިފާ އެރަށުގައި އައިސިސް ޖަމާއަތުގެ ދިދަ ޖަހާ، ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑުނުވާ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރާތީ އެކަމަށް ފިޔަވަޅުއަޅަން ޖެހޭކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
މެމްބަރު ޝަހީމް ވަނީ ކުޑަކުދިންނަކީ އާއިލާގެ ފަރާތުން ރައްކާތެރިކަން ލިބެން ޖެހޭ ބަޔަކަށްވާއިރު އެ ކުދިން ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން،13 އަަހަރުގެ ކުޑަ ކުއްޖަކާއި ކޯޓުން ބޭރުން ކައިވެނި ކުރި މައްސަލަ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެ މައްސަލައާއި މެދު ފިޔަވަޅު އަޅާފައި ނުވާތީ އެކަމާއި މެދުވެސް އޭނާވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައިގެ ގޮތުގައި ދެ މައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅުއްވި މައްސަލަ އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި މައްސަލައެކެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެއް މައްސަލައަށް ވުރެ ގިނަ މައްސަލަ ކުއްލި މައްސަލައިގެ ގޮތުގައި ހުށަހަޅައިފިނަމަ، ބަހުސް ކުރާނެ މައްސަލައެއް ނިންމަނީ ގުރުއަތުންނެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވަނީ މިދެ މައްސަލައަކީ އެއް ކަމެއްގައި ހުށަހަޅާފައިވާ ދެ މައްސަލަކަމަށް ވުމާއި އެކު ދެ މެމްބަރުން ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާފައެވެ. ރައީސް ނަޝީދު އެފަދައިން އެދިވަޑައިގަތުމުން ޖާބިރު ވަނީ އޭނާ ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފައެވެ.

