މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، ފަތުރުވެރިކަމުގެ ވަސީލަތްތަކުގެ އިތުރުން އިގްތިސާދީ އެކި މަސައްކަތްތައް ހިމެނޭ ގޮތަށް ތަރައްގީކުރާ ރާއްޖޭގެ ފުރަތަމަ ”ސަސްޓެއިނަބަލް ޓައުންޝިޕް“ މަޝްރޫއުގެ އިންވެސްޓްމެންޓް އެއްބަސްވުމުގައި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންސްއާއެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ކްރިސްޓަލް ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕީޓާރް ކާސްޓިޗްއެވެ. މިނިސްޓަރު ސައީދު ވިދާޅުވީ މިއަދު ސޮއިކުރެވިގެން ދިޔައީ މި ބޮޑު މަޝްރޫއުގެ އިންވެސްޓްމެންޓް އެގްރިމެންޓުގައި ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ޕީޓާރް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ޓައުންޝިޕެއް ތަރައްގީކުރުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ދިވެހި ސަރުކާރުން އިންވެސްޓަރުންނަށް ގެންގުޅޭ ފަހި ސިޔާސަތުތަކަށް އޭނާ ތައުރީފު ކުރެއްވިއެވެ. ”ރަނގަޅު އިންވެސްޓެއް ކުރަން ބޭނުންވާ އިންވެސްޓަރުންނަށް ދިވެހިރާއްޖެއަކީ ރަނގަޅު މަންޒިލަކަށް ވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް،“ ޕީޓާރް ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ކްރިސްޓަލް ހޯލްޑިންގްސް އަކީ ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުބާރުކުރި ފުރަތަމަ ކުންފުނި ކަމަށެވެ. އަދި އެ ކުންފުނިން ރާއްޖޭގެ އިގްތިސާދަށް ކުރާ އިތުބާރަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރ. އަތޮޅު ކޮތައިފަރުގައި މިހާރު ވެސް ރިސޯޓެއް ހިންގަމުން އަންނަ މި ކުންފުންޏަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު ކުންފުންޏެކެވެ.
”އައިލާ ޓައުންޝިޕް“ ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅު ކުރަމާދު، ދިގުފަރު އަދި ދެކެނަންފަރުގައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ރަސްމީ ހުއްދަ ދީ، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

