ހަރުކަށި ފިކުރު ރާއްޖޭގައި އަށަގަނުވަން މަސައްކަތްކޮށް، ދީނުގެ ނަމުގައި ރާއްޖެ ނުރައްކަލަށް ހުށަހަޅަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުރުހުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި މޭރުމުން ވާހަކަދައްކަވާފައިވަނީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. އެ މައްސަލައަކީ ރާއްޖެގައި ހަނގުރާމަވެރި ސެލްތައް ޤާއިމްކުރުމާއި، ދީނުގެ ނަމުގައި ގަތުލު އާއްމު ހިންގުމުގެ އިތުރުން، ކުޑަކުދިންނަށް ޖިންސީގޯނާކޮށް ކޯޓުން ބޭރުން ކުޑަކުދިންނާއި ކައިވެނިކުރާ މައްސަލަ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިއީ ރާއްޖެއަށް ދިމާވެފައިވާ ސީރިއަސް މައްސަލައެއްކަމަށެވެ. ދަރިންނަށް ވެކްސިން ނުދިނުމާއި، ތައުލީމް ހާސިލްކުރުމަށް އަންހެން ކުދިންނަށް ފުރުސަތު ނުދިނުން ފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުޑަ ކުދިންނާއި ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅުމުން ފިޔަވަޅު ނޭޅެންވީ ސަބަބެއް ނެތް ކަމަށް އީވާވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ބިރުވެރިކަން އެބައޮތްކަމަށާ، ދިވެހި ޤައުމު ގޮސް ހުއްޓެނީ ކޮން ހިސާބެއްގައިތޯ ދިވެހިން ސުވާލުކުރާކަމަށް އީވާ ވިދާޅުވިއެވެ. އަދި ޑރ.އަފްރާޝީމްގެ މަރާއި، ރިޟްވާން ގެއްލުވާލުމާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވަނީ ގުޅިފައިކަމަށް އޭނާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، ވެކްސިން ނުދިނުމާއި ކުޑަ އަންހެން ކުދިންނާއި ކައިވެނި ކުރުމާއި، ހަނގުރާމައަށް މީހުން ފޮނުވުމަކީ އަނދިރި ދައުލަތްކަމަށެވެ.
”އަޅުގަނޑުމެންގެ އަންހެން ދަރިން އެތިބީ ބަލަން. އަޅުގަނޑުމެންގެ ފިރިހެން ދަރިން އެތިބީ ބަލަން. މި ގައުމު އަޅުގަނޑުމެން ދޫކޮށްލަނީ އެ މީހުންގެ މުސްތަގްބަލަށްޓަކާ. އެ މީހުންގެ މުސްތަގްބަލް ޗާލު ވާނެ، ފަރިވާނެ ގޮތަކަށް ނޫނީ އަޅުގަނޑުމެން އަމަލުކޮށްގެން ނުވާނެ އިއްޒަތްތެރި ރައީސް“

އެ މައްސަލައަށް ބަހުސްކުރައްވަން ލިބުނު ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ އެފަދަ ފަރާތްތަކަށް ފިޔަވަޅު ނާޅާ ލަސްވެގެން ދާނަމަ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެކަމަށެވެ. އަދި މިހާތަަނަށް އައިއިރު އެކަމާއި މެދު ފިޔަވަޅު ނާޅާވަނީ ކީއްވެގެންތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ. މީކާއިލް ވަނީ ފެހި ޤާނޫނު އަސާސީގެ 21ވަނަ މާއްދާއިން، ކޮންެމެ ދިވެހި ރައްޔިތަކަށް ދިރިހުރުމުގެ ހައްގު ލިބިގެންވާކަމަށާ، ހައްގަކާ ނުލާ އިންސާނުން މެރުމަކީ ދީނީ ގޮތުން ބަލާއިރުވެސް މުޅި އިސްލާމީ އުއްމަތް މަރާލުންފަދަ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ޑރ.އަފްރާޝީމްގެ ލޭ ހުއްދަކޮށް ވާހަކަދެއްކި ބަޔަކު އެބަތިބި ކަމަށާ އެ މީހުންނާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.
”މީހުން މެރުމަކީ ހަރުކަށިކަންތޯ؟ ތިޖޫރީ ވަގަށް ނެގުމަކީ ހަރުކަށި ކަމެއްތޯ؟ ދީނީ ހަރުކަށިކަންތޯ މީހުންމެރުމަކީ؟ މިއީ ހަރުކަށި ކަމެއް ނޫން. މިއީ ދީނާ ގުޅުމެއް އޮތްކަމެއް ނޫން. މިއީ ޖާހިލުކަން. މިއީ ޖަންގަލީގެ އުސޫލު. މިއީ ޖަނަވާރުންގެ އުސޫލު. ހަމަ ހިލާ މި ކަންކަމަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އެގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީ“
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވެސްވަނީ މި މައްސަލައިގައި ބަހުސް ކުރައްވާފައެވެ. ޖާބިރު ވިދާޅުވީ ދީނީ އިލްމުވެރިން ސިޔާސީ މަސައްކަތް ކުރަން ބޭނުންވާ ނަމަ ވަންނަވަންވީ މަޖިލީހަށް ކަމަށެވެ. މީހުންނަށް ފުރައްސާރަކުރުމާއި، ގޯނާ ކުރުމަކީ ދީނީ ކަމެއް ނޫން ކަމަށާ އެކަން ހުއްޓާލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކުގެ ބޭނުންކޮށްގެން، އެފަދަ މައްސަލަތައް ހުއްޓުވަން ޚާއްސަ މަސައްކަތްތަކެއްކުރަން ޖެހޭކަމަށްވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.

”އިސްލާމްދީނޭ ކިޔައިގެން މީހުންގެ އަނބިންނާއި ބެހުމަކީ، ހަޑި ކަމެކޭ. ކުޑަކުދިންނާއި ކައިވެނިކޮށް ޖިންސީގޮތުން ގޯނާކުރުމަކީ، ރާއްޖޭގެ ޤާނޫނާއި އެ ދީނަކަށް ދިވެހިން ފަހުރުވެރިވާ ދީނަށްވެސް ހުތުރުވާ ކަމެކޭ“ ޖާބިރު

ދީނީ ހަރުކަށި ފިކުރު ރާއްޖެގައި އޮތްކަމަށް ބުނާއިރު ދިވެހި ފުލުހުންނާއި ސިފައިން އެކަމަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވިއެވެ. އަދި ކަމާއި ބެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހު ޖަވާބު ނުދޭނަމަ، ޒިންމާ އަދާކުރެވޭނެ ފެންވަރުގެ ބަޔަކު އެ މަޤާމްތަކަށް އައްޔަންކުރަން ޖެހޭ ކަމަށް އެނާ ވިދާޅުވިއެވެ. އޭނާ ވަނީ ރާއްޖޭގެ އެތައް ބަޔަކު ސީރިއާއަށް ފޮނުވާ، އެތަނުގައި މަރުވެފައިވާ ކަމަށާ، އެއީ ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވެފައެވެ.
”މިކަންތައްތައް ހިނގާއިރު، ދިވެހި ފުލުހުންގެ އިސްވެރިޔާ ހުރީ ނިދާފަތޯ ސުވާލުކުރަން ބޭނުންވޭ. ދިވެހި ފުލުހުން އެތިބީ މިއަދު ފެއިލްވެފައި. ދިވެހި ފުލުހުންގެ މަތީވެރިއަކަށް ހުރި ހޯމް މިނިސްޓަރ މި މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭ. ހޯމް މިނިސްޓަރަށް އެކަން ނުކުރެވޭ ނަމަ އެ މަޤާމަށް އެހެން މީހަކު އައްޔަން ކުރަން ޖެހޭ“

މީގެ އިތުރުން މި މައްސަލައިގައި ބަހުސްކުރައްވަމުން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ށ.މާއެނބޫދޫއަށް އަރާ ބަޔަކު އެރަށުގައި އައިސިސްގެ ދިދަ ޖަހާފައިވާއިރު އެ މައްސަލަ ބަލަންޖެހޭ ކަމަށާ، ބައިއަތު ނުހިފުމުގެ ސަބަބުން މީހަކަށް ހަމަލަދީ މަރާލަން މަސައްކަތްކުރުމަކީ ސީރިއަސް މައްސަަަލައެއް ކަމަށެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ސެލްތައް ރާއްޖޭގައި އޮތްކަން މިހާރު އެނގޭ ކަމަށާ، އެ ފަރާތްތަކުގެ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަމަށް ފިޔަވަޅު ނޭޅޭ ނަމަ ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށާ، މިއަށްވުރެ މުހިއްމުކަމެއް ސަލާމަތީ ބާރުތަކަށް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އިއްޒަތްތެރި ރައީސް. ރާއްޖެ މިއޮތީ ވަރަށް ބޯ ނުރައްކާތެރި ވިލާގަނޑެއްގެ ދަށުގައި. އިއްޒަތްތެރި ރައީސް. މި ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ގޮފި އެބައޮތް. ށ.އޮމަދޫއަސް ަބަޔކު އަރާ އައިސިސްގެ ދިދަ ޖެހި. އެމީހުން ދިޔަ އުޅަނދުގައި ހުރީ އެ ދިދަ ޖަހާފައި.
މިދިޔަ ހަފްތާގެ ތެރޭގައި ށ. މާއުނބޫދޫއަށް އަރާ ބަޔަކުވަނީ އެރަށުގައި އައިސިސްގެ ދިދަ ޖަހާފައެވެ. އަދި 13 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށް، އެ ކުއްޖާ ބަލިވެ އިނދެ ވިހޭ މައްސަލަ ކަމާއި ބެހޭފަރާތްތަކުން ދަނީ ބަލަމުންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ހަނގުރާމައަށް ފޮނުވާ މީހުން ތިބި ކަމަށާ، އެކަމަށް ވާގިވެރިވާ ސެލްތައް ތިބިކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވަނީ ބުނެފައެވެ. އެފަދަ މައްސަލަތައް ހުއްޓުވަން ސީރިއަސް ފިޔަވަޅުތަކެއް އެޅުމަށް މެމްބަރުން ގޮވާލިއެވެ.

