ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް 2026 ވަނަ އަހަރުން ފެށިގެން އާސަންދަ މެދުވެރިކޮށް ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް، އިޖްތިމާއީ ރައްކާތެރިކަމާއި، ސިއްހީ ދާއިރާގެ ޕްރޮގްރާމްތައް މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. އެގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތަފްސީލުތައް އާންމުކުރި އެވެ.
އޭގެ ތެރޭގައި ހިމެނޭ އެއް ޕްރޮގްރާމަކީ، ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއެއް އާސަންދަ މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެންސްޕާއިން ދިން މައުލޫމާތުތަކުގައި ބުނީ، އާސަންދަ މެދުވެރިކޮށް ހަތް ކްލިނިކަކުން ވެސް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އީވް ކްލިނިކްއާއި، ވީ – ކެއަރ ކައުންސިލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ، މެޑްނޯވާ މެޑިކަލް ސެންޓަރ، އެލީޓް މެޑިކަލް ސެންޓަރ، ސެނަހިޔާ، ކުލުނު މެޑިކަލް ކްލިނިކް، އަދި ސައިމާ ކެއަރ އެވެ.
ނަފްސާނީ ހުރިހާ ފަރުވާއަކަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ތައާރަފު ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ނަފްސާނީ ކަންކަމަށް ފަރުވާ ހޯދުން ގިނަވެފައިވާއިރު ދިމާވާ އެންމެ ބޮޑު ދައްޗަކީ ނިޒާމުގެ ހަރަދުބޮޑުވުމާއި ކުރަން ޖެހޭ ފަރުވާގެ ކަންކަމަށް އާސަންދައިގެ ހިދުމަތެއް ނުލިބުމެވެ.
އެހެންކަމުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އާސަންދަ މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެކަން އެމަނިކުފާނު އިއުލާނު ކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ސިއްހީ ހިދުމަތްތައް ލިބިގަތުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ކުރިޔަށް ގެންދެވި، ރައްޔިތުންގެ ބައްދަލުވުންތަކުގައި ލިބުނު ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ދާއިރާގެ މައިގަނޑު އެއް އަސާސަކީ އެންމެނަށް ސިއްހީ ފަރުވާ ކަށަވަރުކޮށްދިނުމާއި އެންމެ ބޭނުންވާ މީހާއަށް ފަރުވާ ލިބޭކަން ކަށަވަރުކުރުން ކަމަށެވެ.
އެހެންކަމުން 2026 ވަނަ އަހަރާއި އެކު، ސިއްހީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ ވަރަށް ގިނަ ކަންކަން ރަންފީޒުވެގެންދާނެކަމަށް ނާޒިމް ވިދާޅުވި އެވެ. އޭގެތެރޭގައި ބަލިތަކުން ރައްކާތެރިވެ ތިނުމަށް ގާނޫނުގެ އިމުގެތެރެއިންނާއި އިޖްތިމާއީ މިންގަނޑުގެ ތެރެއިން ހަރުދަނާ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ.

