ރުގުޔާގެ ނަމުގައި ހަތަރު މައިން ގޭގައި ބަންދުކޮށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.
2020 ވަނަ އަހަރު އެކި ދުވަސްމަތިން އަންހެނަކާއި އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނީކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ،
މި މައްސަލައިގައި ރ. ކަނދޮޅުދޫ، މިރިހިމާގޭ އިސްމާއިލް ވަހީދާއި، އެ ރަށު ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ، ދެ މީހުންގެ މައްޗަށް ވެސް އުފުލި ދައުވާތައް ސާބިތުވާކަމަށެވެ. އެގޮތުން 25 އަހަރުގެ ޖަލު ހުކުމެއް އައި އަސީލްގެ މައްޗަށް ދައުލަތުން ކުރީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި، ކުޑަކުއްޖެއްގެ ހާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އަދި ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި ގައިގައި އަތް ލުމުގެ ކުށުގެ ދައުވާ އެވެ.
އިސްމާއިލް ވަހީދުގެ މައްޗަށް ދައުލަތުން އުފުލީ 5 ދައުވާއެކެވެ. އެއީ ކުޑަކުއްޖަކާއި މެދު އިހުމާލުވުމުގެ ކުށާއި، މީހަކު ނުވަތަ ކުޑަކުއްޖަކާއި މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގި ހުރެ އެކަން ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އަދި ގައިގައި އަތްލުމުގެ ކުށުގެ ދެ ދައުވާ އެވެ.
މި މައްސަލައިގައި އިސްމާއިލްގެ މައްޗަށް އިއްވާފައި ވަނީ 6 އަހަރާއި، 09 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
މައްސަލަ ފެންމަތިވުމާއި އެކު އެ މީހުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ތިބީ ބަންދުގަ އެވެ.
މި އަމަލުތައް އޭރު ފެންމަތިވެގެން އައީ ރާއްޖޭގެ މީޑިއާއަކުން ރިޕޯޓު ކުރުމާއި އެކު އެވެ. ރުގްޔާގެ ނަމުގައި ހަތަރު މައިންނަށް އަނިޔާކޮށްފައިވަނީ ހަށިގަނޑުގެ ތެރޭގައި ޖިންނި އުޅޭކަމަށް ބުނެއެވެ. އަދި ކުޑަ އަންހެން ކުއްޖާ ސްކޫލަށް ފޮނުވުން މަނާކޮށް، އެ ކުއްޖާ އެކަހެރިކޮށް ޖިސްމާނީ އަދި ޖިންސީ އަނިޔާކޮށްފައި ވެއެވެ.
އަނިޔާ ލިބުނު ފަރާތުގެ އާއިލާގެ ބައެއް މެމްބަރުން އޭރު ހާދިސާގެ ބައެއް ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި އަންހެން މީހާގެ ހަށިގަނޑުގެ ތެރޭގައި ޖިންނި އުޅޭކަމަށް ބުނެ، ރުގްޔާގެ ނަމުގައި އަންނަ މީހާ ވަނީ އަނިޔާކޮށްފައެވެ. އެއީ ޖިންނިއަށް އަދަބު ދިނުމަށް ކަމަށް ބުނެ ހިންގި އަމަލުތަކެއްކަމަށް އޭނާ ބުނެ އެވެ.
މީގެއިތުރުން އަންހެން މީހާއަށް ނިދާނެ ފުރުސަތުތަކެއް ނުދިނުމާއި، އޭނާގެ ދަރިންނަށް ވަކި ވަގުތުތަކެއްގައި ކެއުން މަނާކުރުން ނުވަތަ އެއްވެސް ގޮތަކަށް ކާން ނުދީ ބޭތިއްބުން ހިމެނެއެވެ. އަދި ރަތް ކުލައިގެ ހެދުން ލުން މަނާކޮށް، ރުގްޔާގެ ނަމުގައި އަންނަ މީހާގެ ހުއްދައެއް ނެތި އެއްވެސް ތަނަކުން ތެދުވެ، ކައި ބޮއެ ހެދުން ވެސް މަނާ ކުރިއެވެ.

