ދިވެހިރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި ވެސް މިހާރު ރޭގަނޑު ފްލައިޓު ޖެއްސޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކާއި، ކުރިއެރުމެއް ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި ށ. ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ފްލައިޓު ޖެއްސުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ނިމުމާއިއެކު ރާއްޖޭގެ ހުރިހާ ރަށަކަށް ރޭގަނޑު ދަތުރު ކުރެވޭނެ އެވެ.
ރޭގަނޑު ހުރިހާ ރަށަކަށް ވެސް ދަތުރުތައް ކުރެނެ އިންތިޒާމާއި، ވަސީލަތްތައް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ވަރަށް މުހިންމު އަމާޒެއްކަން އަމީން ފާހަގަކުރެއްވި އެވެ.
ރޭގަނޑު ފްލައިޓުތަކަށް ދަތުރު ނުކުރެވޭ އެއާޕޯޓުތަކުގައި، މި އިންތިޒާމު ހަމަޖެހިގެން ދިއުމާއި އެކު ކުއްލި ހާލަތްތަކުގައި ދަތުރު ކުރުމުގައި މީގެ ކުރިން ދިމާވާ ދަތިތަކަށް ހައްލު އަންނާނެ އެވެ. އަދި އާންމު ގޮތެއްގައި ސިއްހީ ކުއްލި ހާލަތްތަކުގައި ބަލި މީހާއާއިއެކު ދަތުރު ނުކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ އެ އެއާޕޯޓެއްގައި ރޭގަނޑު ފްލައިޓުތައް ނުޖެއްސޭތީ އެވެ.

