ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދޭން ޖެހޭ 348.10 މިލިއަން ރުފިޔާގެ ތެރެއިން ދީބާޖާއި ދައުލަތާއި ދެމެދު އެއްބަސްވި ގޮތަށް174 މިލިޔަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައި އެކަން ސިވިލް ކޯޓަށް އަންގައިފިއެވެ.
ދީބާޖާގެ މައްސަލައިގައި ހޯމަ ދުވަހު ބޭއްވި ޝަރީޢަތުގައި ދައުލަތުން ބުނީ ދީބާޖާއި ދައުލަތާއި ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު174 މިލިޔަން ރުފިޔާ ދިބާޖާއަށް ދޭން ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރީއްޔާގެ ފަރާތުން އެޓާނީޖެނެރަލްއަށް އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ ނިންމުމާއި އެއްގޮތަށް އަދި ދައުލަތާއި ދިބާޖާއާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވިފައިވާ ގޮތަށް ދީބާޖާ އަށް ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށް ދައުލަތުން ވަނީ ޝަރީޢަތުގައި ބުނެފައެވެ.
އެގޮތުން ދީބާޖާއަށް ފައިސާ ދޭނެ ތާވަލް އަންގާރަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށާއި އަދި ސެޓެލްމެންޓް ކޮމެޓީގައި ދީބާޖާއާއި ދައުލަތާއި ދެމެދު އެއްބަސްވެފައިވާ ގޮތުން މަތިން ގެއްލުމުގެ ބަދަލުގެ ކަންކަން ނިންމުމަށް އޮސި ކުރަން ޖެހޭ އެއްބަސްވުންތަކުގައި ދައުލަތުގެ ފަރާތުން ސޮއި ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ދައުލަތުގެ ފަރާތުން ޝަރީޢަތުގައި ވަނީ ބުނެނެފައެވެ.
މި މައްސަލައިގައި މީގެކުރިން ބޭއްވި ޝަރީޢަތުގައި ދީބާޖާއަށް ދޭން ޖެހޭ ބަދަލުގެ ތެރެއިން ތިން ބައި ކުޅަ އެއްބައި ރަސްމީ ތިން ދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ދީބާޖާއަށް ދެއްކުމަށް މިމަހުގެ 13 ވަނަ ދުވަހު ސަރުކާރަށް ސިވިލް ކޯޓުން ވަނީ އަންގައިފައެވެ. އެއީ 116 މިލިއަން ރުފިޔާ އެވެ. އެކަމަށް ދަތިވާކަމަށް ބުނެ ދައުލަތުން އިތުރު ވަގުތު އެދުނުނެވެ. އެގޮތުން 30 ދުވަހުގެ މައްދަތެއް ދިނުމަށް ދައުލަތުން މީގެކުރިން އެދުނެވެ.
ނަމަވެސް 30 ދުވަހުގެ މުއްދަތެއް ދިނުމަށް އެއްބަސްވެވެން ނެތްކަމަށް ވިދާޅުވެ ދީބާޖާގެ ޗެއާމަން ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ ވަގުތު ދެވިފައިވާކަމަށެވެ. ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަަގަކުރައްވާ އިބްރާހިމް ރަޝީދު ވަނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ސިވިލް ކޯޓުން އެންމެ ފަހުގެ އަޑުއެހުމުގައި ދޭން އެންގި އަދަދުގެ ދެބައިކޮށްފަ އެއްބައި ދޭން އަމަރުކޮށްދިނުމަށް އެދިފައެވެ. އެއީ 58 މިލިއަން ރުފިޔާއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ބާތިލުކޮށްފައިވަނީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
އޭރު އެ އެއްބަސްވުން ބާތިލު ކުރަން ޖެހުނު ސަބަބެއްކަމަށް ސަރުކާރުން ބުނެފައިވަނީ، ދީބާޖާއިން އެއްބަސްވުމާއި ހިލާފުވުމެވެ. އެއްބަސްވުމުގައި ވާގޮތުން ދީބާޖާއަށް ރިސޯޓު ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމުކޮށްފައެވެ. އެހެން ނަމަވެސް، އެ ބިންތައް ދީބާޖާއަށް ދޫކޮށްފައި ނުވެއެވެ.
އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމިގެން ދިޔައީ ދީބާޖާއާއި އެއްކޮޅަށެވެ. ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައަޅާ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން 348.10 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކުރިއެވެ. އޭގެފަހުން އެ ހުކުމް ބާތިލުކުރީ ހައިކޯޓުންނެވެ.
މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައެވެ. އެ ނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމް ކުރިއެވެ.

