މިލިޓަރީ އެއްވެސް ހަރަކާތެއް އައްޑޫގައި ހުރި، ޕޮލިސް އެކެޑެމީގައި ނުހިނގާނެކަމަށް ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނިހާދުވަނީ އައްޑޫގައި ޤާއިމްކުރާ ޕޮލިސް އެކެޑެމީގައި އަސްކަރީ ހަރަކާތްތައް ހިންގާ ކަމަށް އަޑުފެތުރިފައިވާތީ އެކަން ސާފުކުރުމަށް އެދިވަޑައިގަންނަވާފައެވެ. ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ، 2004 ވަނަ އަހަރު އެންއެސްއެސްއިން ވަކިވެ، ފުލުހުންނަކީ ވަކި މުއައްސަސާއަކަށްވުމާއި ހިސާބުން ފުލުހުންނަށް ބޭނުންވާ ތަމްރީން ދިނުމަށް ވަކިތަނެއް ޤާއިމްކުރުމަށް މަސައްކަތްކުރިކަމަށެވެ. އެގޮތުގެ މަތީން ކުރި މަސައްކަތްތަކުގެ މަތިން، 2009ވަނަ އަހަރު ޕޮލިސް އެކެޑެމިއެއް އެޅުމުގެ މަސައްކަތް ފެށި 2012ގައި އެ މަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރ ޑރ.މުހައްމަދު ޖަމީލު އަހުމަދު، އަދި އިންޑިއާގެ ސުޝިލްކުމާރު. އެމްއޯޔޫގެ ފުރަތަމަ ސޮފްހާގައިއެބަވޭ އެއީ އެކެޑެމީއެއްކަން. އަދި 18.3 މިލިއަން ޑޮލަރު ޚަރަދު ކުރާނެ ކަމަށް އެ އެމްއޯޔޫގައި ފާހަގަކުރައްވާފައިވޭ. ”
މިނިސްޓަރ ވިދާޅުވީ އެ އެކެޑެމީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެވެސް އެއްވެސް އަސްކަރީ ހަރަކާތެއް ނުހިންގާނެކަމަށެވެ. އެތަނަކީ ކޮލެޖެއްގޮތަށް ކުރިއަށް ގެންދިއުމުގެ ވިސްނުން ހުރިކަން މިނިސްޓަރ ހާމަކުރެއްވިއެވެ. އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖޭގެ ޤާނޫނުގައި މަތިކުރާ އެއްވެސް ކަމެއް، ކުރުމުގައި އިހުމާލު ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އިތުރު 40 ޕޮލިސް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

