ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މަގާމުން ވަކިކުރުމުގެ މައްސަލަ ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ނިންމައިފިއެވެ.
މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފަނޑިޔާރު ޣަނީ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބުދަ ދުވަހުގެ ޖަލްސާގައި އިއުލާނު ކުރުމަށް ރިޔާސަތުން ނިންމާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވަނީ ފަނޑިޔާރު ޣަނީ ވަކި ކުރުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ނިންމައިފިމަމަ ސުޕްރީމް ކޯޓުގެ ކުރީގެ ހުރިހާ ފަނޑިޔާރުން ބަދަލު ވީކަމަށެވެ.
ފަނޑިޔާރުން ބަދަލުވުމަކީ، އެއީ ޝަރުއީ ނިޒާމް އިސްލާހުވެގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ގަބޫލުކުރަން ދަތިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުންގެ އިތުރުން ޝަރުއީ ނިޒާމު އިތުރަށް ހަރުދާނާ ކުރުމާއި އެކު، ފަނޑިޔާރުންނަށް ދިމާވާ ދަތި އުނދަގޫތައް ވެސް ބަލަން ޖެހޭ ކަމަށެވެ.
ފަނޑިޔާރު ޣަނީގެ ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު އޭނާ މަގާމުން ވަކި ކުރުން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވީ މިދިޔަ ބުދަ ދުވަހުގަ އެވެ. ޣަނީ ވަކި ކުރަން ހުށަހަޅަން ނިންމީ އޭނާ 60 ދުވަހަށް ސަސްޕެންޑް ވެސް ކުރުމަށްފަހު އެވެ.
ޖޭއެސްސީއިން ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ.
ރ. އަލިފުއްޓަށް އުފަން ޣަނީ 2000 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީންނެވެ. ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. ޣަނީ ވަނީ މީގެ ކުރިން ހައި ކޯޓުގައި އަދި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ދާދި ފަހުން ވަނީ ރިޓަޔަ ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް ފާސްކުރި ތިން ފަނޑިޔާރުން ކަމަށް ވާ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. އެހެން ކަމުން، ހަތް ފަނޑިޔާރުންގެ ބެންޗެއް ފުރިހަމަ ކުރުމަށް ސުޕްރީމް ކޯޓަށް ހަތަރު ފަނޑިޔާރުން އައްޔަންކުރަން ޖެހެ އެވެ.

