ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ހަރަކާތާއި، 13 އަހަރުގެ ކުއްޖާގެ މައްސަލައާއި ގުޅިގެން، ކުރިޔަށް ގެންދިޔަ މައްސަލައިގެ ޔައުމިއްޔާ އާއި ކުއްލި މައްސަލާގައި މެންބަރުން ދެއްކެވި ވާހަކަތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުވަން މަޖިލީހުގެ އަމީންއާންމަށް އަންގަފާވައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ
ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ހަރަކާތާއި އަމަލުތައް ނުހުއްޓުވޭތީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ކުއްލި މައްސަަލައެއް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އެވެ. ހުސެއިން ޝަމީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި މެމްބަރުން ދެއްކެވި ވާހަކަތައް ރައީސް ސާލިހުއަށް ހުށަހެޅުއްވުމަށް ނިންމެވީ ރައީސް ނަޝީދުއެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި، ހަރުކަށި ފިކުރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އުުމުރު ހަމަ ނުވާ ކުޑައަންހެން ކުއްޖަކާއި ކައިވެނީނެ ނަމުގައި ކުރަމުންދިޔަ ޖިންސީ އަނިޔާގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކަށް ލިބިފައިވާތާ އަހަރަކަަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. އެހެން ނަމަވެސް، މައްސަލައަށް އެހާ ދުވަސްވެގެން ދިޔައިރުވެސް މައްސަލައިގައި މުވައްސަސާއަކަށް ފިޔަވަޅެއް ނެތުމުން މެމްބަރުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ.
ރައީސް ނަޝީދު ވަނީ ފުލުހުންގެ އިހުމާލު މިކަމުގައި ވާކަން ފާހަގަކުރައްވައި، ފުލުހުންނަށް މި މައްސަލައިގައި އަޅާނުލެވި އޮތް މިންވަރު މެމްބަރުންގެ ވާހަކައިވެސް އެނގިގެން ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. ތަހުގީގަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ކުއްޖާ ހުރީ އަނިޔާގެ ޝިކާރައެއްގެ ދަށުގައި ކަމަށާއި، އެއީ އެކަން އޮނަން ޖެހޭ އުސޫލެއް ނޫން ކަމަށެވެ.
އެ އަންހެން ކުއްޖާއާ ޖިންސީ ގުޅުން ހިންގައި އަނިޔާ ދެމުންދާ ކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅީ، 2018 ގައިކަން މަޖިލީހުގެ ޖަލްސާގައި މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މިފަދަ ސީރިއަސް މައްސަލަތުގައި މަޖިލީހުގައި މެމްބަރުން ދައްކަވާ ވާހަކަތައް، ރައީސް ސޯލިހާއި ހިއްސާ ކުރެވޭނެ ކަމަށެވެ.
ކައިވެނީގެ ނަމުގައި ކުޑަ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދިކަން ފަޅާއެރީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އޭގެތެރެއިން އެކަކަށް ދިން ހަމަލާގެ ސަބަބުންނެވެ. އެ ކުއްޖާ އާއި އެ އާއިލާގެ އިތުރު ކުދިން ނުރައްކަލަކަށް ހުށަހެޅިފައި ތިބި ކަން ޖޫން، 6، 2018 ގައި ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުނުކަމަށް ފުލުހުން ބުނެއެވެ. އަދިު އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރުގެ އަމަލުތައް ހިންގާ އެ އާއިލާ އިން އެ ކުދިން ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމްކުރި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މައްސަލައިގެ މައުލޫމާތު އެނގިތިބެ، 17 މަސް ދުވަސް ފާއިތުވެގެން ދިޔައިރު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މެމްބަރުންގެ ވާހަކައިގައި ވަނީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްއަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔިޔާފައެވެ. އަދި ޝިދާތާ މިނިސްޓަރު ކަމާއި ހަވާލުވީފަހުން މިފަދަ އެތައް އިހުމާލުގެ މައްސަލަަތައް ފެންމަތިވެފައިވާކަން މެމްބަރުންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

