ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އެއާޕޯޓްތައް ހިންގާނީ ދިވެހިން: އަމީން

ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް -- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ރާއްޖޭން އެދިފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ނޫހަކުން ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ އެއާޕޯޓު ހިންގުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުގައި ދިވެހި ސަރުކާރުން އެދިފައިވާ ކަމަށެވެ.

ނަމަވެސް މިކަން ދޮގުކުރައްވައި ވަޒީރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ހުރިހައި އެއާޕޯޓުތަކެއް ހިންގަމުން ދަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ ދިވެހި ކުންފުނިތަކުން ކަމަށެވެ.

ބޭރުގެ ބަޔަކަށް އެއާޕޯޓް ހިންގަން ހަވާލެއް ނުކުރާނެ

ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކާ ނުވަތަ އެހެން ގައުމަކާ ހަވާލުނުކުރުން ކަމަށެވެ.

 ”ރާއްޖޭގައި އޮޕަރޭޓް ކުރާ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކާއި އަދި ޤައުމަކާއިވެސް ހަވާލު ނުކުރާނެ،“ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި އެއާޕޯޓަކީ އޭ320 އަދި ބޮއިންގ 737 މަރުކާގެ ބޮޑެތި ފްލައިޓްތަކަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. އެއާޕޯޓުގައި 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރެއްގެ އިތުރުން އައު ކާގޯ ޓާމިނަލެއް ވެސް ވަނީ ގާއިމުކޮށްފައެވެ.

މި އެއާޕޯޓުގެ އައު އޭޕްރަންގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެއެވެ. އޭގެ ތެރޭގައި އެއާބަސްގެ 3 ބޯޓާއި، އޭޓީއާރުގެ 6 މަތިންދާ ބޯޓު ހިމެނެއެވެ. އެއާޕޯޓު އަލުން ހުޅުވި ފަހުން ފުރަތަމަ ކޮމާޝަލް ޖެޓެއް ޖައްސާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ހަނިމާދޫ އެއާޕޯޓާއެކު ރާއްޖޭގެ އުތުރުގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން މުޅި އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫއަކީ އުތުރުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: