ރާއްޖޭގެ އެންމެހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ތައްޔާރުކޮށްގެން ދެވޭ ފެންވަރުގެ ބައެއް ނޫން ކަމަށާއި، އެ ފުރުސަތު އެންމެނަށް ހުޅުވާލައިފިނަމަ ދީނީ ނުތަނަވަސްކަން އުފެދިދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހުރިހާ މިސްކިތެއްގައި އެއް ހުތުބާއެއް ކިޔަން ނުޖެހޭ ކަމަށާއި، ހާލަތާ ގުޅޭ މައުޟޫއެއް އިޚުތިޔާރުކުރުމުގެ މިނިވަންކަން އިމާމުންނަށް އޮންނަންޖެހޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވުމާ ގުޅިގެންނެވެ. ޑރ. އަބްދުﷲ ދީދީއަށް އިހުތިރާމް ކުރައްވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ، އެއީ ރަނގަޅު ވިސްނުންފުޅެއް ނޫން ކަމަށެވެ.
ޝަހީމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫން ކަމަށާއި، ނުބަލާ ހުތުބާ ދިނުމުގެ ގާބިލުކަން ހުންނަނީ މަދު އިލްމުވެރިއެއްގެ ކަމަށެވެ. އަދި ނުބަލާ ހުތުބާ ކިޔާ ބައެއް އިމާމުންގެ ސަބަބުން ހުތުބާ ދިގުވެ، ރައްޔިތުންގެ މަސްލަހަތަށް ގެއްލުންވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، އެއްވެސް އިމެއް ނެތި އެންމެނަށް ހުތުބާ ދިނުމުގެ ފުރުސަތު ހުޅުވާލައިފިނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިދާނެއެވެ. ”ތިޔަވިދާޅުވާ ގޮތަށް ހުޅުވިފައި އޮންނަ ޤައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި ޖަމާޢަތްތައް އުފެދި އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ޚުޠުބާ ކިޔާ ހަމަނުޖެހުން އުފެދިގެން ގޮސްފައިވޭ،“ ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ހަރުދަނާ ނިޒާމަކީ އިސްލާމީ އެހެން ގައުމުތަކުންވެސް މިހާރު ނަމޫނާއަކަށް ބަލާ ނިޒާމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހުތުބާގެ މައުޟޫއުތަކަށް އާންމުންގެ ހިޔާލު ހޯދީ މުޖުތަމައަށް އެންމެ ބޭނުންތެރި ގޮތަށް ހުތުބާ ތައްޔާރުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އާންމު އުސޫލެއްގެ ގޮތުން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކިޔަނީ މިނިސްޓްރީން ތައްޔާރުކުރާ ހުތުބާއެވެ. ވަކި މައުޟޫއަކަށް ހުތުބާ ކިޔުމުގެ ފުރުސަތު ދެނީ ހަމައެކަނި މިނިސްޓްރީގެ ދައުވަތަށް ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިލްމުވެރިންނަށެވެ.

