ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކެމެޓީގެ އިންތިޚާބަށް ބޭނުންވާ 7،000 އެއްހައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި ބޮޑު ތަމްރީނު ޕްރޮގްރާމް ފެށުމުގެ ކުރިން، އޮފިޝަލުންނަށް މަޢުލޫމާތު ދޭނެ ޓްރެއިނަރުން ތަމްރީނު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ.
މާލޭގެ ސީއެޗްއެސްސީގައި ކުރިއަށްދާ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ މިމަހުގެ 3 އިން 9 އަށް ކުރިއަށްދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި 100 އަށް ވުރެ ގިނަ ޓްރެއިނަރުން ތަމްރީނު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. މި ޓްރެއިނަރުންނަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ދިނުމުގައި އިސްކޮށް އުޅޭނެ ފަރާތްތަކެވެ.
ޓްރެއިނަރުން ތަމްރީނު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މިއީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާނީ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކަމަށާއި، އިދާރީ ގޮތުން ކުރިންވެސް އަމަލުކުރަމުން އައި އުސޫލުތަކަށް ބަދަލެއް ނާންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
”ތިބޭފުޅުންނަށް ލިބިގެންދާ ތަމްރީނާއެކު ވޯޓު ފޮށިތަކުގައި ތިބޭ ބޭފުޅުންނަށް ކިޔައި ދެއްވާއިރު، ކިޔާ ދެއްވާ އެއްޗަކަށް ކިޔާ ދެއްވާ ގޮތަކަށް އޭގެ ޒާތުގައި އިދާރީ އެއްވެސް މަސައްކަތަކަށް ބަދަލެއް ނާންނާނެ. އެކަމަކު ޤާނޫނީ ގޮތުން އައިސްފައި ހުރި ބަދަލުތަކުގެ ތެރެއިން އެއާއި ގުޅިގެން ޢަމަލު ކުރަންވީ ގޮތަށް ބަދަލު އަތުވެދާނެ،“ އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މި ތަމްރީނުތަކުގެ ތެރެއިން ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ކަންކަން ހިނގަންވާނެ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މަޢުލޫމާތު ދޭނެ ގޮތުގެ އިތުރުން، ވޯޓުލުމުގެ މުޅި މަރުހަލާ ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު އޮފިޝަލުންނަށް ފޯރުކޮށްދެވޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަތޮޅުތެރޭގައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އަދި މާލޭ ސަރަހައްދުގައި މަސައްކަތް ކުރާނެ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މި ތަމްރީނުތައް ނިމުމާއެކު، އޮފިޝަލުން އިންތިޚާބުގެ އަމަލީ މަސައްކަތްތަކާ ހަވާލުވާނެއެވެ.

