ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ ކުންފުނީގެ ވެރިޔާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ގދ. ތިނަދޫ، ގޯލްޑަން ހައުސް، މުހައްމަދު އާދިލް (57އ) އެވެ.
ފުލުހުން ބުނިގޮތުގައި ތަހުގީގުގެ ބޭނުމަށް އާދިލް ބަންދުގައި ބަހައްޓަން ކޯޓުން ފުރަތަމަ ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން، އިތުރު 15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އާދިލްއަކީ ރާއްޖެއަށް އެކި ބާވަތުގެ މުދާ އެތެރެކޮށް ވިޔަފާރި ކުރުމަށް މީގެ 16 އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނީގެ އެއް ޑިރެކްޓަރެވެ.
މި މައްސަލާގައި ދެން ހައްޔަރުކޮށްފައިވަނީ އެ ކުންފުނީގެ މުދާ ކްލިއާ ކުރުމަށް ކަސްޓަމްސްއަށް ދާނެ ކަމަށް އީމެއިލުން އަންގާފައިވާ ހއ. ހޯރަފުށި، އާފިޔާ، އަހުމަދު އަލީ (47އ) އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ކުރިން އޭނާގެ ބަންދަށް 5 ދުވަސް ދިން ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށްވެސް ފުލުހުން މިއަދު ވަނީ ސާފުކޮށްދީފައެވެ.
މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ބަލައިފާސްކުރި 10 ފޮށިގަނޑެއްގެ ތެރޭގައި ހުރި ޗޮކްލެޓް ސިރަޕް ފުޅިތަކުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި އަތުލައިގަތް ތަކެތީގެ ބަރުދަން 40 ކިލޯއަށް ވުރެ މަތި ވާނެއެވެ.
އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ މަގުމަތީގެ އަގު 30 މިލިއަން ރުފިޔާއަށް ވުރެ އިތުރު ވާނެ ކަމަށް ކަސްޓަމްސްއިން އަންދާޒާ ކުރެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

