މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެކްރިޑިޓޭޝަން ދީފައިވާ ކޯސްތަކެއް ގަވައިދާ ހިލާފަށް ހިންގުމުން އެވިޑް ކޮލެޖަށް ފިޔަވަޅު އަޅައިފި އެވެ.
މައްސަލައިގައި ބަޔާނެއް އާންމުކޮށް އެމްކިއުއޭ ބުނީ، އެ އޮތޯރިޓީން އެކްރިޑިޓޭޝަން ދީފައިވާ ކޯސްތަކެއް އަވައްޓެރި ސްރީލަންކާގައި ގަވައިދާ ހިލާފަށް އެވިޑު ކޮލެޖުން ހިންގާފައިވާކަމަށެވެ.
މި ޕްރޮގްރާމްތައް އެ ކޮލެޖުން ހިންގާފައި ވަނީ ލަންކާގެ ”އެމަޒޯން ކޮލެޖް“ އާއި ކޮން ގައުމެއްގެ ޔުނިވާސިޓީއެއްކަން ނޭނގޭ، ”އަލްޒެޓް ޔުނިވާސިޓީ“ ނަމަކަށް ކިޔާ ޔުނިވާސިޓީއަކާއި ގުޅިގެންކަމަށް އެމްކިއުއޭގެ ބަޔާނުގައި ވެއެވެ.
މިކަން އެނގިފައި ވަނީ އެމްކިއުއޭ ބުނި ގޮތުގައި އެ ދެތަނުން އެވިޑުގެ ޕްރޮގްރާމެއް ފުރިހަމަކޮށް ހޯދާފައިވާ ސަނދަތުތައް ސައްހަކަން ކަށަވަރުކުރުމަށް ހުށަހެޅުމުންނެވެ. ބަޔާނުގައި ބުނެފައި ވަނީ އެވިޑުން ލަންކާގެ އެމަޒޯން ކޮލެޖާއި، އަލްޒެޓް ޔުނިވާސިޓީގައި ހިންގި ޕްރޮގްރާމްތަކުޖން ގްރެޖުއޭޓުވި ދަރިވަރުންނަށް ދިން ސަނަދުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ދަރިވަރުންގެ އިތުރުން އެ ގައުމުތަކުގެ ކޮލިފިކޭޝަން އޭޖެންސީ އަދި އެވިޑުން ވެސް ހުށަހެޅި ކަމަށެވެ.
މި މައްސަލައިގައި އެމްކިއުއޭއިން އެވިޑާއި މެދު އެޅި ފިޔަވަޅަކީ ނަސޭހަތް ދިނުމެވެ.
މީގެއިތުރުން މިދިޔަ އަންގާރަ ދުވަހު އާންމު ކުރި ބަޔާނެއްގައި އެ އޮތޯރިޓީން ބުނީ ދިވެހިރާއްޖޭގައި ހިންގާ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައި ވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅާފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުމާއި، ޕްރޮގްރާމްތަކުގެ ހުއްދަ ދިނުމާއި، އެކްރެޑިޓުކުރުމާއި، އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒު ކުރުމަށް ކަމަށެވެ. އަދި މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުމަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) (ރ) އަދި އެ މާއްދާގެ (އ) ގެ ދަށުން އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.
ބަޔާނުގައި ބުނެފައި ވަނީ ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑް ތަކަށް އެ އޮތޯރިޓީން، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ޕްރޮގްރާމް ހިންގާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް ހިންގާ ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމަށް މަޝްވަރާތައް ކުރަމުންދިޔަ ނަމަވެސް އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ހިންގުމަށް މިހާތަނަށް އޮތޯރިޓީން ހުއްދަ ދީފައި ނުވާނެކަމަށް ވަނީ ބުނެފަ އެވެ.
އެމްކިއުއޭއިން ބުނީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާޑްތަކަށް އޮތޯރިޓީގެ ހުއްދަ ނެތި އޮންލައިންކޮށް ހިންގާ އެއްވެސް ޕްރޮގްރާމެއްގެ ސަނަދު ގަބޫލު ނުކުރާނެކަމަށެވެ.

