ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޑިސެންބަރު މަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި އާ ސަފުހާއެއް ލިޔެވިގެންދިޔަ މަހެކެވެ. އެ މަހު ރާއްޖެއަށް ޖުމްލަ 224,000 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ފަހަރެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެ މަހު 217,000 ފަތުރުވެރިން އައިސްފައިވާއިރު، ނިމުނު ޑިސެމްބަރު މަހުގެ އަދަދަކީ އޭގެ ކުރީގެ ރެކޯޑަށްވުރެ ތިން އިންސައްތަ އިތުރު އަދަދެކެވެ.
ޑިސެންބަރު މަހުގެ ތެރޭގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މަހުގެ ފަހުކޮޅުގައެވެ. އެގޮތުން ޑިސެންބަރު 29 ވަނަ ދުވަހަކީ އެ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވި ދުވަހެވެ. އެ ދުވަހު އެކަނިވެސް 9,900 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މުޅި އަހަރަށް ބަލާއިރު، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ 2024 ފެބްރުއަރީ 24 ގައެވެ. އެ ދުވަހު 11,000 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއިން ދޭހަވަނީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި އަދިވެސް އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދެމިއޮތް ކަމެވެ.
ފާއިތުވި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ކާމިޔާބު އަހަރެކެވެ. މުޅި އަހަރު ދުވާލަކު އެވެރެޖުކޮށް 6,100 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، އަހަރު ނިމުނުއިރު ޖުމްލަ 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ހާއްސަކޮށް އަހަރުގެ ފުރަތަމަ ތިން މަހު ކޮންމެ މަހަކު ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައުމަކީ ރާއްޖޭގެ ފަތުރުވެރިކަން ހަލުވިކަމާއެކު ކުރިއަރަމުންދާކަމުގެ ހެއްކެކެވެ.

