ޖުވާ ކުޅުމާއި ޖުވާ ކުޅޭތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެއް އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ޖަލު އަދަބެއް ދެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގެވެ. އަދި މާދަމާއަށް ދައުރުން ބޭރުން ބޭއްވުމަށް ތާވަލުކޮށްފައިވާ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން އިއްވުން ވަނީ ތާވަލުކޮށްފަ އެވެ.
ބިލުގައި ހިމަނާފައި ވަނީ ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭތަނެއް ހިންގުން ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށެވެ. އަދި އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައެޅުމަށް ހިމަނާފައި ވެއެވެ. ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1 އަހަރާއި، 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބެއްކަމަށް ވަނީ 4 އަހަރަށް ޖަލަށްލުމެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޑިސެމްބަރު މަހު ހާމަކުރައްވާފަ އެވެ.
މި ބިލުގެ މަގްސަދަކީ ޖުވާ ކުޅުމުގެ ޢަމަލުތަކަށް ހަރުކަށި ޢުޤޫބާތްތައް ކަނޑައަޅައި، މިފަދަ ޢަމަލުތައް ހުއްޓުވުމެވެ. ޖިނާއީ ކުށެއްގެ ގޮތުގައި މިކަން ކަނޑައެޅުމަށްފަހު، ޖުވާ ކުޅޭ ފަރާތްތަކާއި ޖުވާ ކުޅުމަށް މަގުފަހިކޮށްދޭ ތަންތަން ހިންގާ ފަރާތްތަކަށް ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންދާނެއެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ޖުވާ ކުޅުން ވަނީ ކަންބޮޑުވާ މިންވަރަކަށް އާންމުވެފައެވެ. ޚާއްސަކޮށް ޑިޖިޓަލް ޒަމާނުގެ ފަސޭހަތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ އޮންލައިން ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ދިވެހީން ޖުވާ ކުޅޭކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން މާލީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ގެއްލުންތަކެއް ދިވެހި ރައްޔިތުންނަށް ކުރިމަތިވެއެވެ. އާއިލީ ގުޅުންތައް ރޫޅި، ދަރަނިތައް ބޮޑުވެ، އެކި ކަހަލަ ޖިނާއީ ކުށްތަކަށް މަގުފަހިވެގެންދެއެވެ.
ޤައުމީ ބޭންކު، ބީއެމްއެލްއިން ވެސް ބުނިގޮތުގައި ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާގެ މުޢާމަލާތްތަކަށް އެ ބޭންކުގެ އެކައުންޓުތައް ބޭނުންކުރާކަން ފާހަގަކުރެވިފައި ވެވެ.

