ބޮޑެތި ލޯނުތައް ނަގައިގެން އެއާޕޯޓުތައް އެޅުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދާއިރު، ޕްރައިވަޓައިޒޭޝަންއަކީ ރަނގަޅު ސިޔާސަތެއްކަމަށް ގަބޫލު ކުރެވޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ފަދަ ތަންތަނަކީ ބޮޑެތި ލޯނުތަކެއް ނަގައިގެން ކަމަށެވެ. އެހެންކަމުން ޕްރައިވަޓައިޒޭޝަން އެއީ ރަނގަޅު ވިސްނުމެއްކަމަށް ގަބޫލު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހިދުމަތްތައް ދިނުމުގެ ބަދަލުގައި، ދައުރަކަށް ވާންޖެހޭނީ ސިޔާސަތުތައް ކަނޑައެޅުމާއި، ގަވާއިދުތަކާއި ގާނޫނުތައް ހަދައި، އެ ކަންކަން ހިނގާގޮތް ބެލުން ކަމަށެވެ.
ހަނިމާދޫ އެއާޕޯޓުގެ ހިންގުން އަވައްޓެރި އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ދާދިފަހުން އަޑުފެތުރުނު އިރު، އެފަދަ ވިސްނުމެއް ސަރުކާރުން ގެންގުޅޭނަމަ އެއަށް ތާއީދު ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑަކީ ޕްރައިވެޓައިޒޭޝަނަށް ވަރަށް ތާއީދު ކުރާ މީހެއް. އަޅުގަނޑު ދެކޭ ގޮތުގައި ގައުމެއް ހިންގަން އެންމެ ރަނގަޅު ގޮތަކީ ސަރުކާރު، މި ދޭ މި ބާވަތުގެ ހިދުމަތްތައް ދިނުމުގައި ނޫޅުން، ސަރުކާރުން ސިޔާސަތު ކަނޑައެޅުން، ސަރުކާރުން ގަވާއިދު ހެދުން، ސަރުކާރުން ގާނޫނު ހެދުން. ސަރުކާރުން އެކަންކަން އެ ގާނޫނުތަކާ އެއްގޮތަށް ކަންކަން ދޭތޯ ބަލަމުން ދިއުން. އެކަމަކު ކަންކަން ހިންގުމެއް ނޫން. މިހާރު އަޅުގަނޑުމެން އެބަ އަޑުއަހަން ސަރުކަރުން އުޅެނީ އެއާޕޯޓް ހިންގަން، ހަނިމާދޫ އެއާޕޯޓް ހިންގަން. އިންޑިއާ ހަމަ ވަރަށް ރަނގަޅު ކުންފުންޏަކާ ދޭށޭ. އެއީ ވަރަށް ރަނގަޅުކަމެއް.
ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ބޭރުގެ ކުންފުންޏަކާއި ހިންގުމަށް ހަވާލުކުރުމަށް މަސައްކަތް ކުރަމުން ނުދާކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
މިފަދަ ސިޔާސަތުތަކާއި ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކެވި ނަމަވެސް، އެމަނިކުފާނަކީ ތާއީދުކުރާކަމެއް ބަޔަކު ކުރުމުން އެކަން ހުއްޓާލުމަށް ގޮވާލާނެ ބޭފުޅެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެއީ ބޮޑު ލޯނެއްގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ދަރަނި އަދާކުރަން ޖެހޭއިރު، އެ ފައިސާއަކީ އެއީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ގައުމަށްޓަކައިކަމަށް ބުނެ، އެކަމަށް ހިތްހަމަޖެހިގެން ތިބެންވީތޯ ރައީސް ނަޝީދު ސުވާލު އުފެއްދެވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ތަނަވަސްކަމާއި އާންމު ހާލަތު ރަނގަޅުވުން ކަމަށެވެ. އަދި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ދައުލަތަށް ބުރަވާ މިފަދަ ބޮޑެތި ދަރަނިތަކުން ސަލާމަތްވެ، ރަނގަޅު ފުރުސަތުތަކެއް އުފައްދަންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

