ރާއްޖޭގެ ކުންފުނިތަކާއި، ދައުލަތުގެ މުހިންމު މުއައްސަސާތަކުގެ ބާރުތައް، ޖޭޕީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ އަތްޕުޅުގައި އޮތްކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސަރުކާރަށާއި ގާސިމަށް ފާޑު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވީ، އިންތިގާލީ އިންސާފުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. ޖާބިރު ވިދާޅުވީ އަބަދުވެސް ޓްރާންސްޕޯޓް މިނިސްޓްރީ އޮންނަނީ ޤާސިމްގެ ބާރުގެ ދަށުގައިކަމަށެވެ. އަދި ބޮޑެތި ކުންފުނިތައްވެސް ގާސިމްގެ ބާރުގެ ދަށުގައި ހުރި އިރު ކުރެވުނީ ކޮންކަމެއްތޯ ޖާބިރު ސުވާލުއުފެއްދެވިއެވެ.
އޭނާ ވިދާޅުވީ، އިންސާފުގެ ނަމުގައި ހަމައެކަނި ބަދަލު ދިނުމުން ނުފުދޭކަމަށާ، ބަދަލް ހޯދަން ޖެހޭ ފަރާތްތަކުގެ އަތުން އެބަދަލު ހޯދަން ޖެހޭ ކަމަށެވެ. ސަރުކާރުގެ ފަރާތްތަކުންވެސް މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ މަންފާއަށް މަސައްކަތް ކުރާކަމަށާ، އެފަދަކަންކަން ބެލެން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
”އަބަދުވެސް ދައުލަތުގެ ވަޒީރުންނަސް އެއްވެސްކަމެއް ނުވޭ. އެމީހުންގެ އަންބޮޑު ބޮޑު ކުރެެވޭތޯ ބަލަންވީ“
ޖާބިރުވަނީ އޭނާ ސިޔާސީ ފަރާތްތަކަށް އެކި ފަހަރުމަތިން ޑިމޮކްރަސީއާއި އިންސާފަށްޓަކާ ފަންޑުކޮށްދިންކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ފައިސާދެއްވިކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންނަމަވެސް ބާރުތައް ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲއާއި، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްއާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާއި ދެމެދު ބަހާފައިވާ ކަމަށް ފާހަގަކުރައްވާ ޖާބިރުވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

