މިދިޔަ އަހަރު އެމްޕީއެލް ބަނދަރުގައި ހުއްޓައި ގެއްލުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓުން މަންފާ ނަގައި، އެ ވައްކަމުގައި ބައިވެރިވީ މީހުން ފައިސާ ބޭނުން ކުރީ ޖުވާ ކުޅުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިކަން ހާމަކުރެއްވީ، ޖުވާ ކުޅުމާއި ޖުވާ ކުޅޭތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެއް އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ޖަލު އަދަބެއް ދެވޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގަ އެވެ.
ވަގަށް އެތެރެ ކުރަން އުޅުނު މި ސިނގިރޭޓު ކޮންޓެއިނަރުން ދައުލަތަށް ޑިއުޓީއެއްގެ ގޮތުގައި ލިބެން ޖެހޭ އަދަދު 122 މިލިއަން ރުފިޔާއަށް އަރާއިރު ގެއްލުނު ސިނގިރޭޓަށް ވީނުވީއެއް ނޭނގެ އެވެ. މި މައްސަލައިގައި މަޝްހޫރު ދެ ވިޔަފާރިވެރިއަކު ހިމެނޭ ގޮތަށް ގިނަ ބަައެއްގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފަ އެވެ. އެމްޕީއެލް ބަނދަރުން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ބޮޑެތި ސުވާލުތައް އުފެދިފައި ވަނިކޮށް، މާބޮޑު ތަފްސީލެއް ނުދެއްވައި ނާޒިމް ވިދަޅުވީ އެ ވަގަށް ނެގި މީހުން މަސަައްކަތް ކުރީ އިތުރު މަންފާތައް ނެގުމަށް ކަމަށެވެ. އަދި ޖުވާ ކުޅުމުގެ ސަބަބުން، އެ ފައިސާ ވެސް ގެއްލިފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.
މިދިޔަ އަހަރު އެތައް ބަޔަކު މިފަދަ ގޮތަކަށް ހިންގި އެތައް ޖަރީމާއެއްގެ މައްސަލަ ފެންމަތިވެގެން އައިކަމަށް ނާޒިމް ވިދާޅުވި އެވެ.
އެންމެ ބޮޑު ވައްކަމެއްގެ ގޮތުގައި މި ފާހަގަކުރެވުނު ސިނގިރޭޓުގެ ވަގުކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމުގެ ފައިސާ ލިބުނު ފަރާތްތަކުން ވަނީ އެ ފައިސާ ބެޓްކޮށް އަދި ޖުވާ ކުޅެ އޭގެން ނަފާ ހޯދަން މަސައްކަތްކޮށް އެ ހުރިހާ ފައިސާއެއް ގެއްލިފައި. އަދި އެފަރާތްތަކުން އެ ޖުވާކުޅެގެން އެފަރާތްތަކަށް ލިބުނު ފައިދާ އެ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްދޭން ވެސް ވަކި ކުންފުނިތަކެއް ހަދާފަ ޖުވާކުޅޭ މީހުން ހުރިކަންވެސް އެކަމުގެ ތެރެއިން އެނގިފައިވޭ… މީގެއިން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ވަރަށް ފުޅާ ދާއިރާއެއްގައި މި އަދި އަޅުގަނޑުމެންގެ މުޖުތަމައުގަ އަޅުގަނޑުމެންގެ ލޯމައްޗަށް މި ފެންނަ ވަރަށްވުރެ މާ ފުންކޮށް އެކަން ހިނގަމުންދާކަން…
ނާޒިމް ވިދާޅުވި ގޮތުގައި ޖުވާކުޅެގެން ލިބޭ މި ފައިސާ ޖަމާކުރުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް ބޭނުންކުރެއެވެ. އަދި ބޭންކުތަކަށް ފާހަގަނުވާނެހެން ކުދިކުދި އަދަދުތަކުން މި މުއާމަލާތްތައް ހިންގަމުންދާކަމަށް ވިދާޅުވި އެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރު ހުށަހެޅިފައިވާ ބިލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނާޒިމް ވިދާޅުވީ، ގާނޫނުގައި ”ސްކޭމް“ އަކީ ކޮބައިކަމާއި، އެކަން ކުރާ ފަރާތްތަކަށް ދެވޭނެ އަދަބުތައް ސާފުކޮށް ބަޔާންކުރަންޖެހޭ ކަމަށެވެ. އަދި މިހާރު ގާނޫނުގައި މިކަންކަން ސާފުކޮށް ނެތުމުގެ ސަބަބުން ކުށްވެރިން ޕްރޮސެކިއުޓް ކުރުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
އިސްލާމްދީނުގައި ޖުވާކުޅުން ހަރާމްކުރައްވާފައިވާ ސަބަބުތަކަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ، މިއީ އާއިލާތައް ހަލާކުވެ، މީހުންގެ މުދާ ގެއްލި، ދަރަނިވެރިވާ ކަމެއް ކަމަށެވެ. އަދި މިއީ ދެވިހިފާ ކަމަކަށްވާތީ، މުޖުތަމައު ސަލާމަތްކުރުމަށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވިދާޅުވިއެވެ.
މިހާރުވެސް ބޭންކުތަކުން ބެޓިން ވެބްސައިޓުތަކަށް ފައިސާ ނުދެއްކޭ ގޮތަށް ކާޑުތައް ބްލޮކް ކުރަމުންދާކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ އާ ގާނޫނާއެކު ސްކޭމް ކުރާ މީހުންނަށް ފިލައިގެން ނޫޅެވޭނެ ކަމަށާއި، އެމީހުން ޖަލުގެ ތޭރިތަކުގެ ތެރެއަށް ވަންނަން ޖެހޭނެކަން ކަށަވަރުވެގެންދާނެ ކަމަށެވެ.
މި ގާނޫނުގައި އެ ކުށަކީ ކޮބައިކަން ބަޔާންކުރެވިފައި ނެތުމުގެ ސަބަބުން މި ޕްރޮސެކިއުޓް ކުރުމުގެ ދާއިރާގައި މަސައްކަތްތަކަށް ހައްލެއް ގެނެސްދިނުން މީގެ ބޭނުމަކީ.
ސަރުކާރުގެ ފަރާތުން ތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ހުށަހަޅުއްވާފައިވާ ބިލުގައި ހިމަނާފައި ވަނީ ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭތަނެއް ހިންގުން ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށެވެ. އަދި އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައެޅުމަށް ހިމަނާފައި ވެއެވެ. ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1 އަހަރާއި، 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބެއްކަމަށް ވަނީ 4 އަހަރަށް ޖަލަށްލުމެވެ.

