17 ވަނަ ރައްޔިތުންގެ މަޖިލީޙުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓްގައި، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ވާހަކަ ނުހިމަނާ ރިޕޯޓް ތައްޔާރު ކުރާނެ ގޮތެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ، ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި ޑރ.ޝަހީމްއަށް ކުރާ ތުހުމަތުތައް ދިފާއުކުރައްވާ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަދެއްކެވުމުން އެކަމަށް ރައްދުދެއްވަމުންނެވެ.
ރައީސް ނަޝީދުވަނީ މަރުގެ ކޮމިޝަންގެ ރިޕޯޓްގައި ޑރ.އަފްރާޝީމްގެ މަރާއި ޝަހީމްއާއި ގުޅޭގޮތް ސާފުކޮށް ބަޔާންކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
މަރުގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޑރ އަފްރާޝިމް އަވަހާރަކޮށްލުމުގެ ކުރިން ޑރ ޝަހީމަށް ލިބުނު މެސެޖެއްގައި ޑރ.އަފްރާޝީމް ރުޖޫއަވެ، މީޑިޔާގައި އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝިމް ދެކެ އަލުން އަނބުރާ ލޯބިވާނެ ކަމަށް ބުނެފައިވެއެވެ.
މި މެސެޖު ޑރ.ޝަހީމްއަށް ފޮނުވި ފަރާތެއް، ޑރ ޝަހީމް ރިޔާސީ ކޮމިޝަނަށް ސާފުކޮށްދީފައެއް ނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮމިޝަނުން ބުނާގޮތުގައި ޑރ.ޝަހީމު ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫނެވެ.
މިއަދުގެ މަޖިލީހުގައި ރައީސް ނަޝީދު ވަނީ މަޖިލީހުގައި، ސިޔާސީ ބޭނުމަށް ދީނުގެ ވާހަކަދައްކަން ދެން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ ދީނާއި މެދުގައި ސުވާލު އުފެދޭ ގޮތަށް އަދި ސަރުކާރުން ދީނަށް ފުރައްސާރަ ކުރާކަމަށް ބުނެ، ވާހަކަދައްކަން މަޖިލީހުގެ ރިޔާސަތުން ފުރުސަތު ނުދޭނެކަމަށެވެ.

