ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ޚިދުމަތުގައި ތިއްބެވި ދިވެހި ނަރުހުންގެ ޢަދަދު މަދު ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނަރސިން ނައު ކެމްޕޭން އިފްތިތާޙްކުރުމުގެ ގޮތުން ރޭ ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދަޅުވީ މެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައި އިންޖީނަކީ، އަދި ޞިއްޙީ ނިޒާމުގެ އެންމެ މުހިންމު ވަސީލަތަކީ ވެސް، މުޖްތަމަޢެއްގެ ޞިއްޙީ ޚިދުމަތްތެރިންކަމަށެވެ.
މުޅި ދުނިޔެއަށް ބަލާއިރުވެސް، ޞިއްހީ ޚިދުމަތްތެރިންގެ 50 އިންސައްތައަކީ ނަރުހުން ކަމަށާއި ރާއްޖޭގައި މިވަގުތުވެސް، 3300 އަށްވުރެ ގިނަ ނަރުހުން ޚިދުމަތުގައި އެބަތިބި ކަަމަށް ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ގާތްގަނޑަކަށް 56 އިންސައްތައިގެ ނިސްބަތްކަމަށާއ ނަމަވެސް މީގެ ތެރެއިން ގިނައީ ބިދޭސީ ނަރުހުންކަމަށް ވިދާޅުވިއެވެ.
”މުޖުތަމަޢެއްގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި، ނަރުހުން އަދާކުރާ ދައުރަކީ، އޭގެ މުހިންމުކަމާ މެދު، އިތުރު ސުވާލެއް ނުއުފެދޭހާ ފާޅުކަން ބޮޑު ދައުރެއް. ރާއްޖޭގައި މިޒަމާނުގެ ޑޮކްޓަރީ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުމުގެ އެތައް އަހަރެއް ކުރިން، ނަރުހުންގެ ޚިދުމަތް ރާއްޖޭގެ ކަންކޮޅުތަކުގައި ފެށިއްޖެ. އޭރު ރާއްޖޭގައި ނަރުހުންގެ ޚިދުމަތް ދިން ބަޔަކީ، ބޭކެނބިންނާއި ކޮމިޔުނިޓީ ހެލްތު ވޯކަރުން. އެހެންވީމާ، ރާއްޖޭގެ ނަރުހުންގެ ޚިދުމަތަކީ، އޭގެ ފެށުން އެނގޭ ވަރަށް ވުރެ މާ ދޮށީ ޚިދުމަތެއް،“
ނަރުހުންނަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބުމާއި، މަސައްކަތު ގަޑީގައި ދަރިން ބެލޭނެ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ، ޚިދުމަތުގައި ދެމިތިބުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ، ސަރުކާރުން އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
”ޔުނިވަރސަލް ހެލްތު ކަވަރޭޖް“ގެ އަމާޒުތަކަށް ބަލާއިރު، އެކަންކަންވެސް މައިގަނޑު ގޮތެއްގައި ބަރޯސާވެފައި މިއޮތީ ނަރުހުންގެ ޚިދުމަތުގެ މައްޗަށްކަން ފާހަގަކުރައްވާ، ޔުނިވަރސަލް ހެލްތު ކަވަރޭޖުން ޙާޞިލްކުރަން ބޭނުންވާ އެންމެ މުހިންމު ކަންކަމަކީ، ޅަފަތުގައި ކުދިން މަރުވާ ނިސްބަތް ދަށްކުރުމާއި، ވިހެއުމުގެ ތެރޭގައި މައިންނާއި މަރުވާ ކުދިންގެ ނިސްބަތް ދަށްކުރުމާއި، އުފަންވާއިރު ދިރިހުންނާނެ ކަމަށް ލަފާކުރެވޭ ޢުމުރުގެ ނިސްބަތް މަތިކުރުން ކަމަށް ވިދާޅުވިއެވެ.
އަދި ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތައް ނައްތާލުމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޅަފަތުގައި ކުދިން މަރުވާ ނިސްބަތާއި، ވިހެއުމުގެ ތެރޭގައި މައިންނާއި ކުދިން މަރުވާ ނިސްބަތް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ދަށްކުރެވި، އުފަންވާއިރު ދިރިހުންނާނެ ކަމަށް ލަފާކުރެވޭ ޢުމުރުގެ ނިސްބަތް މަތިކުރެވުމުގައި ދިވެހި ނަރުހުންގެ ދައުރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ނަރުހުންނަކީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ގޮތުން އެ މަސައްކަތް ކުރައްވާ ބައެއް ނޫން. ނަރުހުން އެކުރައްވަނީ، އެއަށް ވުރެ މާ މާތް، މާ މަތިވެރި މަސައްކަތެއް. އެއީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖައިގެ ޚިދުމަތެއް. ނަރުހުންނާއި ބަލިމީހާއާ ދެމެދު އޮންނަ ގުޅުމަކީ، މައިންނާއި ދަރިންގެ ކުލުނު. އެއީ އެއްބަނޑުއެއްބަފާ ކަމުގެ ކުލުނު. ނަރުހުންގެ ޚިދުމަތް ބިނާވެފައި އޮންނަނީ، އޯގާތެރިކަމާއި އެކުވެރިކަމާއި އަޅައިލުމުގެ މައްޗަށް“
ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، މިހާރު ޚިދުމަތުގައި ތިއްބެވި ނަރުހުންގެ ޢަދަދުވެސް އެކަށީގެންވާ ވަރަށް ވުރެ މާ މަދުކަން ފާހަގަކުރައްވާ، މިއީ ޤައުމީ ފެންވަރުގައި އިތުރަށް ސަމާލުވާންޖެހިފައިވާ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ސިޔާސަތު އަމާޒުކުރެވިފައިވާ މިސްރާބަށް ބަލާއިރު، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްޤީވާއިރު، އެ ސަރަޙައްދުތަކަށް ބޭނުންވާ ނަރުހުން ތަމްރީންވުމަކީ ވަރަށް މުހިންމު ކަމެއް ކަމެއްކަން ފާހަގަކުރެއްވިއެވެ.
ޞިއްޙީ މުހިންމު ޚިދުމަތްތައް އެއް ތަނަކަށް ޖަމާކޮށްފައި ހުރުމަކީ، އެޚިދުމަތް ދިނުމުގައި އޮތް ބޮޑު ގޮންޖެހުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތްތައްވެސް ލާމަރުކަޒީ ނިޒާމުން ތަރައްޤީކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް، ކޮންމެ ރަށެއްގައިވެސް، ގޭގެއަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ، ހޭލުންތެރިކުރުމުގެ މަސައްކަތްކުރާނެ، ވިލި ޞިއްޙީ ޚިދުމަތްތެރިން ތަމްރީންވުމުން، މި ގޮންޖެހުންތަކުގެ، ވަރަށް ބޮޑު ބައެއް ޙައްލުވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަރސިން ނައު ކެމްޕޭނަކީ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ނަރުހުންގެ ދައުރު ފުޅާކުރުމަށް އަމާޒުކޮށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ބައިނަލްއަޤްވާމީ ނަރުހުންގެ ކައުންސިލް ގުޅިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހިންގާ ބައިނަލްއަޤްވާމީ ކެމްޕޭނެކެވެ.

