ދިވެހިރާއްޖޭގައި ދީނީ ނަސޭހަތް ދިނުމަށް އުފައްދާފައިވާ ސަލަފް ޖަމްއީއްޔާ އުވާލަން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިންތިގާލީ އަދުލުގެ ބިލަށް ބަހުސް ކުރެއްވުމުގެ ތެރޭގައި ސަލަފް ޖަމްއީއްޔާ އުވާލަން އުޅޭ ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވުމާއި ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަލަފް ޖަމްއީއްޔާ އުވާލަން ބޭނުން ނުވާކަން މީގެން ކުރިން ވެސް އެމަނިކުފާން ވިދާޅުވެފައިވާ ކަމަށާއި އަދި ޖަމްއީއްޔާ އުވާލުމަކީ އެމަނިކުފާން އެއްގޮތަކަށް ވެސް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެއްވެސް ޖަމާއަތުން މީހުން މެރުމަށާއި ހަނގުރާމައަށް މީހުން ފޮނުވުމަށް ހިތްވަރު ދޭ ބާވަތުގެ އެއްވެސް ވާހަކައެއް ދެއްކުމާއި އެފަދަ އެއްވެސް އަމަލެއް ކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ސަލަފް އުވާލަން އެމަނިކުފާނު ބޭނުންފުޅު ނުވި ނަމަވެސް ފިޔަވަޅު އަޅަން މަޖިލީހުން ފާސް ކޮށްފައިވާ ކަމަށެވެ.
މީގެކުރިން ބޭއްވި މަޖިލީޙުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ސަލަފް އުފެއްދެވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި އޭރު ކުރީގެ ރައީސުން ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ ސިޔާސީ ތަޖުރިބާކާރުން އެ ޖަމިއްޔާ ރަޖިސްޓްރީ ނުކުރަން ލަފާ ވެސް ދެއްވި ކަމަށެވެ. އެހެން ނަމަވެސް ސަލަފް ރަޖިސްޓްރީ ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރުގަ އެވެ.
ނަޝީދު އެ ގޮޔތަށް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ޖީނާއީ ކުށްކުރި އެންމެނަށް ލަސް ނުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން މަޖިލީހުގެ 47 މެންބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ސަލަފް ޖަމިއްޔާ ވެސް ހިމެނެ އެވެ.

