ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް މީހުން ހޮވުމަށާއި، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބުތައް ބާއްވަންވާނީ ދެ އިންތިހާބު އެކީގައިކަމަށް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށެވެ.
އިސްލާހުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ، ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގަ އެވެ. އަދި މެމްބަރުންގެ ބަހުސަށް ފަހު ބިލު ބަލައިގަތުމާއި މެދު ނެގި ވޯޓުގައި، ބިލު ބަލައިގަތުމަށް 46 މެންބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓުދެއްވީ ފަސް މެންބަރުންނެވެ.
ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ސްޕޮންސަރ ކުރެއްވި ބިލުގައި ބުނެފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރުކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ބިލުގައި ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ 2028، ޑިސެމްބަރު 1 ގައިކަމަށެވެ. އެހެންކަމުން އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާއި އެކު މަޖިލިސް އިންތިހާބު ވެސް ބާއްވަންވާނެކަމަށް ވެއެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވަނީ އިސްލާހަށް ދެކޮޅު ހައްދަވައި، ދައުރުން ބޭރުން މި މަސައްކަތް ކުރިޔަށް ގެންދާތީ އެކަމާ މެދު ސުވާލު އުފައްދާފަ އެވެ.

