ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، އެކަމަށްޓަކައި ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ.
އެމްއޭސީއެލްއިން ބުނީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށަށް 111 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ މިހާރު ދިއްދޫއަށް ގެންގޮސްފައިވާކަމަށް ވަނީ ބުނެފައެވެ.
އެމްއޭސީއެލްއިން ބުނީ މި ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއްކަމަށާއި، މިއީ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއްކަމަށެވެ.
ދިއްދޫން ބިން ހިއްކަން ގެންދިޔައީ ސަރުކާރުން ހިއްކާ ތަންތަނުގެ މަސައްކަތް އަވަސް ކުރުމަށް އެމްއޭސީއެލް މެދުވެރިކޮށް ގަތް ތިންވަނަ ޑްރެޖަރެވެ. ލީވް އެރިކްސަން ކިޔާ އެ ޑްރެޖަރަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރެވެ. އަދި އެއީ އެއް ފަހަރާ 46،000 ކިއުބިކް މީޓަރުގެ ވެލި ޕަމްޕު ކުރެވޭ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.
މިދިޔަ އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ތިންވަނަ ޑްރެޖަރުން އެންމެ ފުރަތަމަ ހިއްކާނީ ދިއްދޫ އެވެ. އެ މަސައްކަތް ދެތިން ހަފުތާގެ ތެރޭގައި ނިންމުމަށް ފަހު، ދެން ގެންދާނީ ށ. އަތޮޅުގެ ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

