ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިޞްލާހަކީ އަވަސްއަރުވާލައިގެން ކުރާ ކަމެއް ނޫން ކަމަށާއި، އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާއި ގުޅޭ ބިލުގެ މަސައްކަތް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ފެށީ ދައުރުން ބޭރުން ބޭއްވި ޖަލްސާގަ އެވެ. މި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާއަށް ފޮނުވާފައިވާއިރު ފެބްރުއަރީ މަހު 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ކޮމިޓީން ބިލުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާނެކަމަށް ބެލެވެ އެވެ.
މި އިސްލާހަށް އިދިކޮޅުގެ މެމްބަރުން ދެކޮޅު ހަދައި ބުނެފައި ވަނީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އަވަސް އަރުވާލައިގެން އިސްލާހު ހުށަހަޅަނީ ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމަށް ކަމަށެވެ. އަދި ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފައްދައި ވަނީ، ހަރަދު ކުޑަކުރުމުގެ ވާހަކައަކީ އަސްލެއް ނެތްކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
މި އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ ވެސް ފަލާހެވެ. އަދި އެމްޑީޕީއަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ މި އިސްލާހަކީ ދެ އިންތިހާބު އެއްކޮށްލުމަށާއި، މަޖިލީހުގެ އުމުރު ކުރުކުރުމަށް ހުށަހަޅާފައިވާ ވަރަށް މުހިންމު ބަދަލެއް ކަމަށެވެ. އަދި މި ބަދަލު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް މި އިސްލާހު ހުށަހަޅާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި، ދާދިފަހުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއިއެކު، ގައުމީ މަސްލަހަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފުރުސަތު މި ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.
ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި، ކުއްލި ގޮތަކަށް ދެ އިންތިހާބު އެއްކޮށްލަން އުޅެނީ އެހެން ބޭނުމެއްގައިކަމަށް ކުރާ ތުހުމަތުތަކަށް ރަައްދު ދެއްވައި ފަލާހު ވިދާޅުވީ ހަމަ ބުއްދިން ވިސްނާލުމުން ބިލު ހުށަހަޅަނީ އެންމެ ރަނގަޅު ވަގުތުގައިކަން ސާފުވާނެކަމަށެވެ. އެގޮތުން އަންނަ އޭޕްރިލް މަހު ލޯކަލް ކައުންސިލް އިންތިހާބު އޮތްއިރު، އެ އިންތިހާބާއި އެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ. ފަލާހު ވިދާޅުވީ އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން އިތުރަށް ހަރަދުވާނެކަމަށް ބެލެވޭ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.
ހަގީގަތުގައި މި ވަގުތު މިއީ އެންމެ ރަނގަޅު ވަގުތު މި ގާނޫނުއަސާސީއަށް މި ދެ އިންތިހާބު އެއްކޮށްލަން މި އިސްލާހު ގެންނަ ކަމަށް ވަންޏާމުން ގެންނަން.. ވަގުތު ރަނގަޅު ކަމަށް މި ދަންނަވާ އެންމެ މުހިންމު އެއް ސަބަބަކީ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ކުރިއަށް މި އޮތް ދެ މަހާއި ބައި ނުވަތަ ތިން މަހެއްހާ ދުވަސް ތެރޭގައި ލޯކަލް ކައުންސިލު އިންތިހާބާ އެބަ ކުރިމަތިލާ.. އަޅުގަނޑުމެން މި އިސްލާހު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް މިފަދަ އިންތިހާބަކާ ދިމާނުކޮށް ފޮނުވައިފިކަމަށް ވަންޏާމުން އަނެއްކާ ވެސް 80 ވަރަކަށް މިލިއަންފިޔާ ހަރަދުވެގެން ދާނެ
މީގެ އިތުރުން، މިއީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް، މިއީ ވަރަށް ބޮޑަށް ވިސްނާފައި ރަނގަޅު ވަގުތުގައި ކުރާ ކަމެއް ކަމަށް ފަލާހު ތަކުރާރު ކުރެއްވި އެވެ. އަދި މި އިސްލާހު ފާސްކުރުމުގެ ކުރިން ކޮމިޓީ މަރުހަލާގައި ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއި ހިޔާލު ހޯދުމަށް އެކަށީގެންވާ ވަގުތު ނަގާނެކަމަށް ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީއަށް ފާޑުކިއުން އަމާޒުކުރައްވައި ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިހާރު މަސައްކަތް ކުރަމުން ދަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް 19 ވަނަ ދައުރުގައި އަމަލު ކުރަމުންދިޔަ ގޮތަށް ނޫންކަމަށެވެ.

