އދ. މާމިގިލީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނި ގޮތުގައި ރަސްމީކޮށް ފައްޓަވައިދެއްވީ، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބާއި، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމް އެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުން ޑިސެމްބަރު 2020 ގައި އެ މަސައްކަތް ދެ އަހަރުން ނިންމާ ގޮތަށް 95 މިލިއަން ރުފިޔާ އަށް އާރުޑީސީއަށް ހަވާލުކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެހެންނަމަވެސް އޭރުގެ މަސައްކަތްތައް ގޮސްފައިވާ މިންވަރަށް ބަލާއިރު އާރުޑީސީން ބުނެފައި ވަނީ މިމަސައްކަތުގެ 89 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
އެގޮތުން މަގުތަކުގައި ކޭބަލް ޖަންކްޝަން އަދި ސެޓްލްމަންޓް ހޮޅިއެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.
މީގެއިތުރުން ތާރުއެޅުމުގެ ކުރިން އަޅާ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. އަދި ޕަމްޕަ ސްޓެޝަންތަކުގެ 61 އިންސައްތަ މަސައްކަތް ދުވާރުގައި ކުރަންޖެހޭ މަސައްކަތުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

