ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް، އުމުރުން 75 އަހަރުވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް ރީ – އެމްޕްލޮއިމަންޓްގެ ބިލު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލުގެ މަޤްޞަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ޢުމުރުން 75 (ހަތްދިހަފަހެއް) އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި ޢަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިން، ފުލުހުން ފަނޑިޔާރުން، ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ޢައްޔަންކުރެވޭ މަޤާމުތައް އަދާކުރާ ފަރާތްތައް ނުހިމެނެއެވެ.
މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، ޢުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ 7 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ޙައްޤުވާ ޢުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެއެވެ.
ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ނޭޝަނަލް ޕޭ ކޮމިޝަނުގެ މިންގަނޑުތަކަށް ތަބާވާންޖެހެއެވެ. އަދި 65 އަހަރުވުމުން ދެވޭ އަސާސީ ޕެންޝަން ނުލިބުނު ނަމަވެސް، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބެންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ.
މި ޤާނޫނުގެ ދަށުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ސިފައިންނާއި، ފުލުހުންނާއި، ފަނޑިޔާރުންނާއި، ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން ޢައްޔަންކުރެވޭ މަޤާމުތަކުގައި ތިއްބަވާ ފަރާތްތައް ހިމެނެއެވެ.
މި ބިލުގެ ސަބަބުން ލިބޭނެ މުހިންމު ފައިދާތަކުގެ ތެރޭގައި:
- ތަޖުރިބާކާރު މުވައްޒަފުންގެ ޚިދުމަތް ދެމެހެއްޓުން
- ދައުލަތުގެ މުއައްސަސާތަކުގެ ފެންވަރު މަތިވުން
- ޒުވާން މުވައްޒަފުންނަށް ތަޖުރިބާކާރުންގެ އިރުޝާދު ލިބުން
- މަސައްކަތުގެ ބާޒާރަށް އައު ފުރުސަތުތަކެއް ހުޅުވިގެން ދިއުން
ރީ-އެމްޕްލޯއިމަންޓް ބިލަކީ ދައުލަތުގެ ވަޒީފާތަކުގައި ތިބި ތަޖުރިބާކާރު މުވައްޒަފުންގެ ޚިދުމަތް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ބިލުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ މަސައްކަތުގެ ފެންވަރު މަތިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަން ކަށަވަރެވެ. އަދި މިއީ ތަޖުރިބާކާރު މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

