ދިވެހިރާއްޖެއާއި ސްރީލަންކާ ދެމެދު ގާއިމުކޮށްފައިވާ ބޯޑަރ ކޮންޓްރޯލް އުވާލުމުނ އޭގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލަންކާއާއި ގާތް ގުޅުމެއް އޮންނަ ރައީސް ނަޝީދު، ”އެކްސް“ ގައި މި ޕޯސްޓު ކުރައްވާފައި ވަނީ ވިސާގެ ދަތިކަމުގެ ނުތަނަވަސްކަން އުފެދިފައިވަނިކޮށެވެ. މި މައްސަލަ ގޯސްވީ، ލަންކާގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު މަސްއޫދު އިމާދު ލަންކާގެ ނޫހެއްކަމަށްވާ ”ޑެއިލީ ނިއުސް“ އަށް ދެއްވި އިންޓަވިއުއަކާއި އެކު އެވެ.
ސަފީރު ވިދާޅުވެފައި ވަނީ ލަންކާގެ އިމިގްރޭޝަނުން ދިވެހިންނާއި މެދު އަމަލު ކުރަނީ ވަރަށް އިހާނެތިކޮށްކަމަށާއި، ވިސާގެ ދަތިކަމިގެ ޝަކުވާ ވަރަށް ގިނައިން ފަހަކަށް އައިސް ލިބެމުންދާކަމަށެވެ.
އެގޮތުން ބައެއް ދިވެހިން އިމިގްރޭޝަން ކިއުގައި ހެނދުނުން ފެށިގެން ހަވީރުގެ ވަގުތާއި ހަމައަށް ތިބެންޖެހޭއިރު އެ ގައުމުން ވަކި ބަޔަކަށް އިސްކަން ދީގެން މަސައްކަތް ކުރަމުން ގެންދާކަމަށް މަސްއޫދު ވިދާޅުވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި ލަންކާގެ އިމިގްރޭޝަން އޮފީހުގައި ދިވެހިންނާއި މެދު އަޑުހަރުކޮށް ވާހަކަ ދެއްކުމާއި، ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމުގެ އެތައް ޝަކުވާއެއް ވަނީ ލިބިފަ އެވެ.
މި މައްސަލަ ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައިވާއިރު މިހާތަނަށް ދިވެހި ސަރުކާރުން މިކަމުގައި އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ.
ރިޕޯޓުތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ދެ ގައުމުގެ ދެމެދު ބޯޑަރ ކޮންޓްރޯލް އުވާލުމުން ދެ ގައުމުގެ ރައްޔިތުންނަށް އެކަމުން ފައިދާ ކުރާނެކަމަށެވެ. އަދި ވިދާޅުވީ ވިސާއާއި ވޯކް ޕާމިޓް ފަދަ ކަންކަން އުވާލުމުން ޓޫރިޒަމާއި ވިޔަފާރި އަދި ވަކިވަކި ފަރުދުންގެ ގުޅުންތައް އިތުރަށް ފުޅާވެ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

