ދުން ފުސްގެ އަސަރު ފިލައިދިޔުމަށް 4-3 ދުވަސް ނަގާނެ ކަމަށް މޯލްޑިވްސް މީޓޮރޮލޮޖިކް ސާވިސަސް (މެޓް) އިން ބުނެފިއެވެ.
އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކަށް ސިއްޙަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފު ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. މެޓުން ބުނީ ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވެ ”ރެޑް އެލަރޓް“އަށް އަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 6 ގަޑިއިރުވެސް ވައި ހުންނާނީ ނުރައްކާ މިންވަރެއްގައި ކަމަށާއި، ސިއްޙީގޮތުން މައްސަލަ ނެތް ފަރާތްތަކުންވެސް މިއަދު ސަމާލުވާންވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ވައި ނުސާފުވުން ރަނގަޅުވާނެކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުން ކަމަށެވެ.
ވައި ނުސާފުވާ މިންވަރު ބަލަނީ އެއާ ކޮލިޓީ އިންޑެކްސް މޮނިޓަރ ތަކުންނެވެ. އެގޮތުން އެއާ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދު ހުންނަނަމަ އެއީ ރެޑް އެލާޓެވެ.
ވައި ނުސާފުވެފައިވާ މިންވަރާއި ގުޅޭގޮތުން ”ސަންގު“ އަށް މައުލޫމާތު ދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ހޭޒް ނުވަތަ ދުން ފުސްގެ އަސަރު މިދުވަސްވަރު ކުރުމަށް މެދުވެެރިވާ މައިގަނޑު ސަބަބަކީ، ވައިގެ މިސްރާބު ބަދަލުވުމާއިއެކު، އުތުރާއި އިރުއުތުރުން ވައި ޖެހޭއިރު، އިންޑިއާގެ ހިމާލެޔާ ސަރަހައްދުން އަންނަ ހިރަފުސް ރާއްޖޭގެ ސަރަހައްދަށް ދަތުރުކުރުމުން ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ސަރަހައްދުގެ ވައި ތަޣައްޔަރުވެ، ދުރު ފެންނަ މިންވަރު ދަށްވުމަށް މެދުވެރިވާ ކަމަށް މެޓުން ބުނިއެވެ.
މެޓުން ބުނީ، ވައިބާރުވެ، އެވްރަޖެކޮށް 15-16 ވަރަކަށް މޭލަށް ވައިގެ ބާރުމިން ހުރުމާއިއެކު، ވައިގެ މިސްރާބު އުތުރާއި އިރުއުތުރަށް ހުރިއިރު، އާންމުކޮށް ވައި މަޑުކޮށް، ވައިގެ މިސްރާބު ހުޅަނގަށް ބަދަލުވުމުން، ދުން ފުސްގެ އަސަރު ކުޑަވާނެ ކަމަށެވެ.
މެޓުން ބުނީ، އެ އިދާރާއަށް ލަފާކުރެވޭ ގޮތުގައި، ދުން ފުސްގެ އަސަރު ފިލައިދިޔުމަށް، 4-3 ދުވަސް ނަގާނެ ކަމަށެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަޙައްދުގެ ވައިގެ ކޮލިޓީ އިއްޔެ މެންދުރު ހުރީ 179 ގައެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށުމާއެކު ކޮންމެ އަހަރަކު ވެސް އިރުވައި މޫސުމުގައި ޖައްވު ނުސާފުވެއެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރުވުމުގެ ސަބަބަކީ އުތުރު އިންޑިއާގެ ސަރަޙައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށުނީ މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހު އެވެ. މިއީ، ފަހަކަށް އައިސް އެންމެ އަވަހަށް ރާއްޖެއަށް އިރުވައި މޫސުން ފެށުނު ފަހަރެވެ.
ވައިނުސާފުވެއްޖެނަމަ ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވެއެވެ. މިފަދަ ހާލަތަށް ވައިނުސާފުވެއްޖެނަމަ ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރަށްނިކުމެ އުޅުމުން ދުރުވާން ޖެހެއެވެ.
މީގެ އިތުރުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ބޭރަށްނިކުމެ ކަސްރަތުކުރުމާއި ކުޅިވަރުކުޅުން ފަދަ ކަންކަން މަޑުޖައްސާލަން ޖެހެއެވެ. އަދި ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުން ގެއިން ބޭރަށް ނިކުމެ އުޅުމުގައި މާސްކު އަޅައިގެން އުޅުންވެސް މުހިއްމެވެ.

