ކޮންގްރެސް ޕާޓީގެ އައު އޮފީސް މިރޭ ހުޅުވައިފި އެވެ.
ޕީއެންސީން ޖުލައި، 2024 ގެ ކުރީކޮޅު ބޭނުންކުރަން ފެށި ހަރުގެ މިހާރު ވަނީ ބޮޑުކޮށް ހަތަރު ފަންގިފިލާއަށް ބޮޑުކޮށްފައެވެ.
މިހާރު ވަނީ ހަރުގެ އާއި އަދި މައި އޮފީސް ވަކިކޮށްފައެވެ. ޕީއެންސީގެ މައި އޮފީސް ހުޅުވައިދެއްވީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
ހަރުގެ އަލުން މަރާމާތުކޮށް ހުޅުވާފައިވާއިރު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އާޓިފިޝަލް ބީޗު ކުރިމައްޗަށްވާހެން ޖަގަހައިގެ ފާރުގައި ލެޑް ބޮޑު ސްކްރީނެއް ވެސް ހަރުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި އެއީ ޕާޓީއާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށާއި، ބޮޑެތި ޖަލްސާތައް ކުރިއަށްދާ ވަގުތު އާންމުންނަށް އެ ޖަލްސާތަކުގެ ތަފްސީލްތައް ދިނުމަށް ހަރުކޮށްފައިވާ ސްކްރީނެކެވެ.
އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ވޭތުވެދިޔަ ހަ މަހުގެ ތެރޭ ޕީއެންސީއަށް ފަސްހާހަށްވުރެ މެންބަރުން ވަނީ އިތުރުވެފައެވެ. މިވަގުތު އެ ޕާޓީގައި 74،048 މެންބަރުން އެބަތިއްބެވެ.

