ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގައި އުޅޭއިރު ފަތުރުވެރީން ހެދުން އެޅުމަށް މިންގަނޑެއް ކަނޑައަޅާ އުސޫލު އެކުލަވާލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގައި އުޅޭއިރު ފަތުރުވެރީން ހެދުން އެޅުމަށް މިންގަނޑެއް ކަނޑައަޅާ އުސޫލު އެކުލަވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

އާންމުން އުޅޭ ސަރަހައްދުތަކުގައި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭތީ އެކަމުގެ ޝަކުވާ ރައްޔިތުން ކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމާއި ގުޅޭ އުސޫލުތައް ބަދަލު ކުރައްވާނެކަމަށެެވެ.

ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް އެމަނިކުފާނުގެ ސަރުކާރުން އިސްކަން ދެއްވާ ކަމަށާއި އެކަމަށް މަސައްކަތްތަކެއްވެސް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ފަތުރުވެރީންގެ ފަރާތުން ފެންނަ ނޭދެވޭ ބައެއް ކަންކަމާއި ގުޅިގެން ރައްޔިތުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށާއި އަދި އެނޫންވެސް ރަށު ފަތުރުވެރިިކަމާއި ގުޅިގެން ބައެއް ނޭދެވޭ ކަންކަން ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަން ދޫކޮށްލައިގެން ތިބެއްޖެނަމަ އެ މައްސަލަތައް ހައްލުނުވެ އިތުރު މައްސަލަތައް ކުރިމަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަން ހައްލުކުރެއްވުމަށް ރަށްރަށުގައި އުޅޭއިރު ފަތުރުވެރީންގެ ހެދުން އެޅުމަށް މިންގަނޑެއް ކަނޑައަޅާ އުސޫލު އެކުލަވާލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ އިސްލާހުތައް ގަވައިދުތަކަށް ގެނެސް ގެޒެޓް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެކަންކަން ވެސް މޮނީޓާކޮށް ތަންފީޒުކުރަން ތިބޭ ބަޔަކީ ރަށްރަށުގެ ކައުންސިލްތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޕީއެންސީއާ އިދިކޮޅު ކައުންސިލެއް ކުރިއަށް އޮތް އިންތިހާބުގައި ހޮވައިފިނަމަ، މި މައްސަލަތައް އިސްލާހު ނުވާނެކަމަށެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައި ސަފާރީތައް ބާއްވައިގެން އެ ރަށްރަށަށް ބަނގުރާ ބާލާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަމުން ނޭދެވޭ މައްސަލަތަކެއް ކުރިމަތިވާ ކަމުގައެވެ. އަދި އެކަމަށް ހައްލު ހޯއްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އަލަށް ގެންނަ ބަދަލާއެކު މީހުން ދިރިއުޅޭ ރަށްރަށާއި ކައިރީގައި ދެން ސަފާރީ ނުބޭއްވޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދެން ސަފާރީ ބޭއްވޭނީ ކޮންމެ ރަށަކާ މަދުވެގެން އެއްކިލޯ މީޓަރު ދުރުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސަތުތައް ބައްޓަން ކުރުމުގައި އެމަނިކުފާނު އެންމެ ބޮޑަށް އިސްކަން ދެއްވަނީ އިސްލާމް ދީނުުގެ ހަމަތަކުގެ މަތިން އަދި އެ ދީނަށް ނަސްރު ދިނުމަށެވެ. އެގޮތުން، މިދިޔަ ދުވަސްތަކުގައި ބައެއް ސިޔާސަތުތައް ތަންފީޒުކުރަން ޤާނޫނާއި ގަވައިދުތަކުގައި އެކަން ހިމެނުމަށް މަސައްކަތް ފަށާފައިވާކަން އެ މަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އެފަދަ ކަންކަން ތަންފީޒު ކުރައްވާތީ ބައެއް ފަރާތްތަކުން ފާޑުކިޔާކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: