ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލަނީ ރައްޔިތުން ބޭނުންވާ ކަންކަން ހިމެނޭނޭހެން: ރައީސް

ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލައްވަނީ، ރައްޔިތުން އެދިވަޑައިގެން ކަންކަން ހިމެނޭނޭހެން ޝަރުޠުތައް އިޞްލާޙު ކުރުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ޙައްލުކޮށްދެއްވުމަށްޓަކައި، މާލޭ ސަރަޙައްދުން 7900 އެއްހާ ފްލެޓާއި 15000 ގޯއްޗަށް ކުރިމަތިލުމަށް މި ހިނގާ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލައްވާއިރު، ރައްޔިތުންގެ ބައްދަލުވުންތަކުގައި ހުށަހެޅުއްވި ބައެއް ޚިޔާލުތައް ހިމަނުއްވައިގެން ޝަރުޠުތައް އިޞްލާޙުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ކުރީގެ ސްކީމްތަކުގައި، މީގެ އެތައް އަހަރެއް ކުރިން އެއް ކޮޓަރީގެ ފްލެޓުތައް ލިބުނު ނަމަވެސް، އާއިލާ ބޮޑުވެ، އެއް ކޮޓަރިން ނުފުދޭ މީހުން، ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލައި ހޮވިއްޖެނަމަ، ކުރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ކުރިމަތިލެވޭނޭހެން އިސްލާޙުކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ކޮޓަރީގެ ފްލެޓްތައް ލިބިފައިވާ މީހުންނަކީ، 18 އަހަރު ނުފުރޭ ދެ ޖިންސުގެ ދަރީން ތިބި މީހުންކަމުގައިވާނަމަ، އެމީހުންނަށްވެސް، 3 ކޮޓަރީގެ ފްލެޓަށް ކުރިމަތިލައި ހޮވިއްޖެނަމަ، ކުރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ކުރިމަތިލެވޭނޭހެން އިސްލާޙު ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ގެނެސްފައިވާ އިތުރު އިސްލާޙުތަކުގެ ތެރޭގައި، މާލޭގައި ދަފުތަރުވެފައިވާތާ މަދުވެގެން އެއް އަހަރުވެފައިވާ ފަރާތްތަކަށްވެސް ފްލެޓަށް ކުރިމަތިލެވޭގޮތަށް ހިމަނުއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ފުރުޞަތުގައި ދޫކުރުމަށް ނިންމާފައިވާ 15000 ގޯތި ދޫކުރާ ގޮތުގެ ތަފްޞީލުވެސް ރޭގެ ޙަފުލާގައި އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

އެގޮތުން ގޯތި ބެހިފައިވަނީ، މާލެއަށް އުފަން މާލޭ ރައްޔިތުންނަށް 7000 ގޯތި، ދަފުތަރުގައި ޖެހިފައިވާ މީހުންނަށް 1000 ގޯތި، ފަހުން ރަޖިސްޓަރީގައި ޖެހިފައިވާ މީހުންނަށް 2000 ގޯތި، މައިމުޅަވެފައިވާ ފަރާތްތަކަށް 500 ގޯތި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް 3000 ގޯތި، އަދި، ހަނި ގޯޅިތަކުގައި ހުންނަ، ޢިމާރާތްކުރުމަށް ލޯނުހޯދުމަށް ދަތިކަން ހުރި ގޯތި ދޫކޮށް ގޯތިތައް ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާފައިވާ 1500 ގޯތީގެ މައްޗަށެވެ.

ގޯތީގެ މައްސަލަ ހައްލުކުރެއްވުމަށް މި ސަރުކާރުން މަޑުކުރައްވަނީ ދައުރުގެ 4 ވަނަ ނުވަތަ 5 ވަނަ އަހަރަށް ނޫންކަމަށާއި، މި މައްސަލައަށް އެންމެ ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ތަރުތީބުކުރައްވާފައިވަނީ، ޙަޤީޤީ ހައްލު ހޯއްދަވައިދެއްވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑުމައްސަލައެއްކަން ފާހަގަކުރެވޭއިރު ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާތަކުގައިވެސް ގިނަ ރައްޔިތުން ތަކެއް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް މިކަމަށް ހައްލެއް ގެނެސްދިނުމަށް ރައީސްއަށް ދަންނަވާފަކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: