ރަސްމާލެ ބިން ހިއްކުމުގެ ޖުމްލަ މަސައްކަތުގެ 47 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ރަސްމާލެ މަޝްރޫއުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށްޓަކައި އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ރަސްމާލެ ހިއްކުމަށް ބަހާލެވިފައިވާ ސައިޓުތަކުގެ ތެރެއިން، ސައިޓު އޭއިން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ 138 ހެކްޓަރުގެ ތެރެއިން، 64 ހެކްޓަރު ހިއްކިފައިވާ ކަމަށެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، ސައިޓު އޭއިން 64 ހެކްޓަރު ހިއްކުމާއިއެކު ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތުގެ ހުރިހާ ސައިޓުތައް އެކުލެވޭހެން، 47 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫޢު، ރަސްމާލެ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާއިރު، މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުނި (ޗެކް) އާ ހަވާލުކޮށްފައިވާ ސަރަޙައްދުތައް ހިއްކުމުގެ މަސައްކަތްތައް މިދިޔަ އަހަރު ވަނީ ފަށައިފައެވެ.
ރަސްމާލެ މަޝްރޫޢަކީ ހަމައެކަނި ބިން ހިއްކުމުގެ މަޝްރޫޢެއް ނޫނެވެ. ރައީސް މުއިއްޒު ވަނީ ރަސްމާލެއަކީ 100 ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއަށް ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރާ މުހިންމު މަސައްކަތެކެވެ.
ރަސްމާލެ މަޝްރޫޢުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. ރައީސް ވިދާޅުވީ ޖުމްލަ 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. މީގެ ތެރޭގައި މާލެ ސަރަހައްދަށް އަމާޒުކޮށް 3،000 ފްލެޓް އިމާރާތް ކުރުމުގެ އެގްރީމެންޓުގައި ސޮއިކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެށޭނެކަމަށް ލަފާކުރެވެއެވެ.
ފުރަތަމަ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އައިސްފައި ވަނީ 11 ސަރަޙައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީސީ) އާއި މޯހަން މުތާ އެކްސްޕޯޓްސް އިންނެވެ. ނަމަވެސް، މަސައްކަތް އިތުރަށް ހަލުވިކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް، ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާއި މި މަހުގެ ތެރޭގައި ހަވާލުކޮށްފައެވެ.
ހާބަރ އިންޖީނިއަރިން ކުންފުނިން ސައިޓް ”ސީ“ އަދި ”އީ“ އިން 265 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ ކުންފުނިން މިހާރު ވަނީ ބިން ހިއްކުމަށް ބޭނުންވާ ސައިޓް މޮބަލައިޒްކޮށް، ބަނޑް ޖެހުމުގެ މަސައްކަތް ފަށާފަ އެވެ. ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރު ވެސް ރާއްޖެ ގެނެސް، މި ހަފްތާގެ ތެރޭގައި މަސައްކަތް އެ ކުންފުނިން ފަށައިގަންނާނެ އެވެ.
މީގެއިތުރުން، ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް މަސައްކަތް އަވަސް ކުރުމަށް ވެސް ވަނީ ތައްޔާރުވެފައެވެ.
ރަސްމާލެ ހިއްކާ ނިމޭއިރު އެތަން ވެގެންދާނީ ހުޅުމާލޭ ފޭސް 2 ހިމެނޭހެން، ހުޅުމާލޭގެ ތިންގުނަ ބޮޑު ސިޓީއަކަށެވެ. ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ރަސްމާލެ ތަރައްޤީކުރާއިރު، އެތަން ހިއްކަނީ 2.5 މީޓަރު އުސްކޮށެވެ. އަދި، އެތަނުން 65،000 ގެދޮރު ދޫކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއީ މުޅި ބޯހިޔާވަހިކަމުގެ މައްސަލައިގެ ”ޓޯޓަލް ސޮލިއުޝަން“ އެވެ.

