އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެފައިވާ މައްސަލަ ދިމާވެފައި ވަނިކޮށް އެ ގައުމުގެ އިދިކޮޅުގައި ހަރަކާތްތެރިވާ ނަމަލް ރާޖަޕަކްސައާ ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދާއި ބައްދަލުކުރައްވައިފިއެވެ.
ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާއާ މަސްއޫދު ބައްދަލުކުރެއްވިކަން ހާމަވީ ނަމަލް އެ ބައްދަލުވުމުގެ މައުލޫމާތު އެކްސްގައި އާންމު ކުރެއްވުމުންނެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ނަމާލް ވިދާޅުވީ އެސްއެލްޕީޕީގެ އޮފީހުގައި މަސްއޫދާ ބައްދަލުކުރައްވައި ދެ ގައުމުގެ ދޭދޭ ގުޅުމާއި، އެއްބާރުލުން އިތުރުކުރުމާ ބެހޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި އެކުގައި މަސައްކަތްކޮށްގެން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެނެވޭނެކަމަށް ވިދާޅުވި އެވެ.
ދިވެހިންނަށް ވިސާ ހަމަޖެހުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ލަންކާގެ ނޫހެއްކަމަށްވާ ”ޑެއިލީ ނިއުސް“ އަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ ގޯސްވެފައި ވަނިކޮށް، ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި އެ މައްސަލައިގައި ވާހަކަ ދެކެވުނުކަން ސާފެއް ނޫނެވެ.
ލަންކާގެ މީޑިއާއަށް ދިން އިންޓަވިއުގައި، މަސްއޫދު ވިދާޅުވެފައި ވަނީ އެ ގައުމުގެ އިމިގްރޭޝަނުން ދިވެހިންނާއި މެދު އަމަލު ކުރަނީ ވަރަށް އިހާނެތިކޮށްކަމަށާއި، ވިސާގެ ދަތިކަމިގެ ޝަކުވާ ވަރަށް ގިނައިން ފަހަކަށް އައިސް ލިބެމުންދާކަމަށެވެ.
އެގޮތުން ބައެއް ދިވެހިން އިމިގްރޭޝަން ކިއުގައި ހެނދުނުން ފެށިގެން ހަވީރުގެ ވަގުތާއި ހަމައަށް ތިބެންޖެހޭއިރު އެ ގައުމުން ވަކި ބަޔަކަށް އިސްކަން ދީގެން މަސައްކަތް ކުރަމުން ގެންދާކަމަށް މަސްއޫދު ވިދާޅުވި އެވެ.
މި މައްސަލައިގައި ދިވެހި ސަރުކާރުން ރަސްމީ ބަހެއް ބުނެފައި ނުވެއެވެ.

