ގައުމަށް ރަނގަޅު ގޮތެއް ވުމަށްޓަކައި، ދޫކޮށްލަންޖެހުނު ކޮންމެ އެއްޗެއް ދޫކޮށްލުމުގެ ރޫހު ހުންނަންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާއި ގުޅޭ ބިލުގެ މަސައްކަތް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ފެށީ ދައުރުން ބޭރުން ބޭއްވި ޖަލްސާގަ އެވެ. މި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާއަށް ފޮނުވާފައިވާއިރު ފެބްރުއަރީ މަހު 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ކޮމިޓީން ބިލުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާނެކަމަށް ބެލެވެ އެވެ.
މި އިސްލާހަށް އިދިކޮޅުގެ މެމްބަރުން ދެކޮޅު ހަދައި ބުނެފައި ވަނީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އަވަސް އަރުވާލައިގެން އިސްލާހު ހުށަހަޅަނީ ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމަށް ކަމަށެވެ. އަދި ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފައްދައި ވަނީ، ހަރަދު ކުޑަކުރުމުގެ ވާހަކައަކީ އަސްލެއް ނެތްކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އިސްލާހާއި ގުޅޭގޮތުން މަޖިލީހުގައި ދެއްކެވި ވާހަކައިގައި، ނާޒިމް ވިދާޅުވީ މި އިސްލާހުގެ މަސައްކަތް ކުރިޔަށް ގެންދާނީ ރައްޔިތުންގެ ހިޔާލާއި ވިސްނުން ހުރި ގޮތް ބެލުމަށްފަހު ކަމަށެވެ. އަދި މަޖިލީހުން ގޮތް ނިންމައި، ރައިސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިޔަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އިސްލާހާއި ދެކޮޅަށް އެމްޑީޕީން ވާހަކަ ދައްކަންވީ ސަބަބެއް ސާފުނޫންކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަކީ ކޮބައިތޯ ބަލައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެކު ކުރިޔަށް ދިއުމުގައި އެމްޑީޕީއަށް އަބަދުވެސް އުނދަގޫވާތީ ކަންބޮޑުވާކަމަށެވެ.
ނާޒިމް ވިދާޅުވީ، ދެ އިންތިހާބު އެކުއެކީގައި ބޭއްވުމުން ދައުލަތަށް މާލީގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ސިންގަޕޫރު، އިނގިރޭސިވިލާތް އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ވެސްޓްމިންސްޓަރ ސިސްޓަމްގެ ދަށުން އެއް އިންތިހާބަކުން ގައުމުގެ ސިޔާސީ ކުރިމަގު ކަނޑައަޅާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖެއާ ދާދި އެއްގޮތް ނިޒާމެއް އޮންނަ ސީޝެލްސްގައި ވެސް ދެ އިންތިހާބު ބާއްވަނީ އެއްކޮށްކަމަށް ނާޒިމް ވިދާޅުވިއެވެ.
މި އިސްލާހުގެ ސަބަބުން ކުރިއަށް އޮތް 5 އަހަރުގެ ސިޔާސީ ކުރިމަގު އެއް ދުވަހަކުން ކަނޑައެޅިގެންދާނެކަމަށާއި، މިހާރު އޮތް ގޮތުން ފަހުން ބާއްވާ މަޖިލިސް އިންތިހާބަކުން ސިޔާސީ ހަމަޖެހުމަށް ބުރޫއަރާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ މި އިސްލާހު 20 އަހަރު ފުރިގެން ބާއްވާ 2028 ވަނަ އަހަރުގެ އިންތިހާބާ ހިސާބުން ތަންފީޒުވާން ފަށާނެ އެވެ. ނާޒިމް ވިދާޅުވީ 2008 ވަނަ އަހަރު މިހާރު މިއޮތް ފެހި ގާނޫނުއަސާސީ ވުޖޫދަށް ގެނައި މުސައްނިފުން ރާއްޖޭގެ ކުރިމަގާއި ސިޔާސީ ހާލަތާ މެދު ގެންގުޅުއްވި ތަސައްވުރު މިވީ 20 އަހަރުގެ ތެރޭގައި ހާސިލުވެފައިނުވާ ކަމަށެވެ. އަދި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭން ބޭނުންވި ފޮނިމީރުކަން ލިބިފައިނުވާކަން ކަށަވަރުވާކަމަށް ވެސް ވިދާޅުވިއެވެ.
އަޅުގަނޑުމެން ވަރަށް ގިނަ މުއައްސަސާތައް އުފަންކުރުވީމު. ސުޕްރީމް ކޯޓާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، އޭސީސީ އަދި އެޗްއާރުސީއެމް ފަދަ ތަންތަން އުފެދުނު. ނަމަވެސް މި ހުރިހާ މުއައްސަސާތަކެއް މަސައްކަތް ކޮށްގެންވެސް، އަޅުގަނޑުމެން އެދޭ އިސްލާހުތައް ގައުމުން ފެންނަމުން ނުދާކަމީ ޔަގީން ކަމެއް
މަޖިލީހުގެ ދައުރުން ހަ މަސްދުވަސް އުނިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހަށް ނާޒިމް ވިދާޅުވީ، އެކަމާ މެންބަރުން ދެކޮޅުވެރިވާން ނުޖެހޭ ކަމަށެވެ. މީގެ ކުރިންވެސް މިފަދަ ހާލަތެއް އައިކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، 2009 ވަނަ އަހަރުގެ އިންތިހާބަކީ އައު ގާނޫނުއަސާސީއާއެކު އަވަހަށް ބޭއްވުނު އިންތިހާބެއްކަމަށާއި، އޭގެ ސަބަބުން އޭރު ތިއްބެވި މެންބަރުންގެ ދައުރުން ބައެއް އުނިވެގެންދިޔަ ކަމަށެވެ.
އެގޮތުން ދައުރުގެ މުއްދަތު އުނިވި މެންބަރުންގެ ތެރޭގައި އޭނާ ވެސް ހިމެނިވަޑައިގަންނަވާކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ގައުމުގެ ލާބައާއި މަންފާއަށްޓަކައި ލިބިފައިވާ މަގާމަކުން ނުވަތަ މުއްދަތަކުން ބައެއް އުނިވެގެން ދިޔަ ނަމަވެސް، އެކަމަށް ދެކޮޅުވެގެން ނުވާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

