މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ.
މަޝްރޫއުއާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ދުވާރު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ފެން ހޮޅި އެޅުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން 48 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫއުގެ ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެކަމަށް އެމްޓީސީީސީން ވަނީ ބުނެފަ އެވެ.
ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ، ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

