އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ މީހުންގެ ތެރެއިން 223 މީހުން ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ އަނެއް 130 އުމްރާވެރިން މިރޭ 22:05ގައި އަންނާނެ ކަމަށެވެ. އަދި ބާކީ އުމްރާވެރިން މާދަމާގެ ވަގުތުތަކުގައި އަންނާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެ ކޯޕރޭޝަނުން ބުނެފައި ވަނީ ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖެ އިން ގިނަ ބަޔަކު އުމްރާއަށް ދާއިރު މިދިޔަ މިޑް ޓާމް ބްރޭކުގައި ވެސް ހައްޖު ކޯޕަރޭޝަނާއި އަމިއްލަ އެކި ގްރޫޕުތަކުގެ ހަވާލުގައި 3،790 މީހުން އުމްރާގެ އަޅުކަމަށް ފުރިހަމަކުރި އެވެ.
ސްކޫލު ޗުއްޓީތަކާ ދިމާކޮށް އުމްރާގެ އަޅުކަމަށް ދާ މީހުން މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް 6،000 އެއްހާ ދިވެހިން އުމްރާއަށް ގޮސްފައިވެ އެވެ.
އުމްރާގެ ދަތުރުތަކުގެ އަގު މިހާރު ނިސްބަތުން ބޮޑެއް ނޫނެވެ. ގިނަ ކުންފުނިތަކުން ޑިސެމްބަރު މަހުގެ އުމްރާ ދަތުރަކަށް މީހަކަށް އެވްރެޖުކޮށް 25،000-29،000ރ. ނަގަ އެވެ. އެހެންވެ، ސްކޫލު ޗުއްޓީގައި ކުދިން ގޮވައިގެން އުމްރާއަށް ދާ މީހުން ގިނަ އެވެ.

