ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަން ކުރެއްވި މުއްދަތުގައި ނުގަވައިދުން އެއްވެސް ބިމެއް ވިއްކައި ކުއްޔަށްދިނުން ފަދަ އަމަލެއް ނުހިންގަވާ ކަމަށް، މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަރީޝް ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި 2 އަހަރާއި 6 މަހެއްހައި ދުވަހުގެ ތެރޭގައި، މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކަވާފައި ނުވާނެ ކަމަށެވެ. އަދި ނުގަވާއިދުން ކުއްޔަށްދެއްވި އެއްވެސް ބިމެއްވެސް ނެތް ކަމަށް އަރީޝް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކޮށް، ދީނީ އިޖްތިމާޢީ ރޫޙު ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުން ގިނަ ކުރައްވައި، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވާ ހާލުއަހުވާލު ބައްލަވާ، ސީދާ ރައްޔިތުން އެދޭގޮތަށް މާލެ ސިޓީގެ ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއް ކަމަށް އަރީޝް ވިދާޅުވިއެވެ.
މި ހަގީގަތްތައް ހަޖަމު ނުކުރެވިގެން، އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް މާލޭގެ މޭޔަރުކަމުގެ ކެމްޕޭނުގައި ދައްކާ، މާލެ ސިޓީ ކައުންސިލުގެ މޭޔަރަކަށް އައުމަށްފަހު ކުރާނެ ކަމަކީ، ކޯޓުތަކަށް އަބަދު ދުވެ، ދައުވާތައްކޮށް، އަނެކުންނަށް ބިރުދައްކާ، ”ގޭންގެއްގެ ގޮތުގައި“ މާލެ ސިޓީ ހިންގުންކަމަށް ސިފަވާ ގޮތަށް ވާހަކަތައް ދެއްކުމަކީ ދަށުދަރަޖައިގެ އެއްވެސް އަމާޒެއްނެތް ކެންޕޭނެއް. ލޯކަލް ކައުންސިލްތަކަކީ އޮންނަ ސަރުކާރަކަށް ޖެއްސުންކޮށް ޖަދަލުކުރާން ޤާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫން. އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހި ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއް
އަރީޝް ވިދާޅުވީ މާލެ ސިޓީއަކީ ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން ރެޔާދުވާލު މުޒާހަރާކޮށް ކޯޓުތައް ހައިޖެކް ކުރާ ތަނެއްގޮތަށް ހަދާނެކަމަށް ބުނެ ކުރާ ކެންޕޭނަކުން ރައްޔިތުންގެ ވޯޓު އިތުރު ނުވާނެ ކަމަށެވެ. ރައްޔިތުންނަކަށް އެކަމުން ލިބޭނެ ފަސޭހައެއްވެސް ނޯންނާނެ ކަމަށާއި މާލެ ސިޓީގެ މޭޔަރުކަން ރައްޔިތުންގެ ވޯޓުން ކާމިޔާބުކުރަން އެދޭނަމަ ދައްކަންވީ، މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުގެ ވާހަކަ ކަމަށް އަރީޝް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވީ ހިޔާވަހިކަމާއި ދިރިއުޅުމުގެ ފަސޭހަތަކަށް ކުރާ ޕްލޭންތަކުގެ ވާހަކައާއި ރައްޔިތުންނާ ގާތުން، ޚިޔާލާއި މަޝްވަރާ ހޯދައިގެން ސިޓީގެ ކަންކަން ހިންގަން ރާވާ ގޮތުގެ ވާހަކަ އާއި މިވާހަކަތައް ރަނގަޅަށް ދެއްކޭނީ، ރައީސް މުޢިއްޒު މޭޔަރުކަން ކުރެއްވި ހީވާގި، ދުރުވިސްނޭ، އަދި މަޝްވަރާގެ އުޞޫލު ދަސްކޮށްގެން ކަމަށެވެ. އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވަން އެއްވެސް ހެއްކެއް ހަގީގަތެއް ނެތް ޚިޔާލީ ހަރުކަށި އިންޒާރުތައް ދިނުމަކީ، މި ސިޓީގެ މޭޔަރުކަމަށް ކުފޫ ހަމަވާ ޒާތުގެ އަމަލެއް ނޫން ކަމަށް އަރީޝް ވިދާޅުވިއެވެ.

