މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމުގައި ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއް ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗެއަރމަން އަޙުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން އެ ވަބާއިން ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދާޚިލީ ސަލާމަތުގެ ދާއިރާގައި އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަސައްކަތެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޞިއްދީޤު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީ ބޭނުންކުރާ އަދަދަކީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
ހޯމް މިނިސްޓްރީގެ މަތިކޮށްފައިވާ މައިގަނޑު ހަތަރު ކަންތައްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ރަނގަޅު ފަރުވާދީ އެ މީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރެދިނުމުގަ ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއްކަން ފާހަގަކުރައްވައި ސިއްދީގު ވިދާޅުވީ ކުރިއަށް އޮތްތަނުގަ ހިދުމަތް ފޯރުކޮށްދެވިގެންދާނީ ވަށާޖެހޭ ގޮތަށް ކަމަށެވެ.
އަދި މި މަސައްކަތުގެ މަލަމަތި ފެންނަ ކަމަށާއި އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ސިއްދީގު ފާހަގަކުރެއްވިއެވެ.
ސިއްދީގު ވިދާޅުވީ މި އަހަރަކީ ކަންތައްތައް ތަންފީޒުކޮށް ނަތީޖާ ނެރުމަށް އަމާޒު ހިފާފައިވާ އަހަރެއް ކަމަށެވެ.
މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މި އުންމީދުކުރަނީ އެންޑީއޭގެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް. އަދި އިތުރު ފެސިލިޓީސްތަކެއް ހެދި ހަރުދަނާ ނިޒާމެއް ގާއިމްވެގެންދާނެ.
ސިއްދީގު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުން ރަނގަޅުކޮށް އެ މީހުން އަނބުރާ މުޖުތަމަޢަށް ނެރެވެނީ ދައުލަތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކަމަށާއި މި މަސައްކަތުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ.
މީގެއިތުރުން މުޖުތަމަޢުން އެފަދަ މީހުން ބަލައިގެންނަން ޖެހޭނެކަން ފާހަގަކުރައްވާ ޞިއްދީޤު ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެގެން ނުކުންނަ މީހުން ބާކީ ނުކުރުމަށް އިލްމާސްކުރައްވާފައެވެ.

