ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މައި ޕާޓީ ތަމްސީލު ކުރާ މެންބަރުންނަށް މިނިވަންކަމާއެކު ބަހުސްކޮށް، ދާއިރާގެ ރައްޔިތުންގެ ހައްގުގައި ބަސްބުނުމުގެ ފުރުސަތު މިއަދު ގެއްލިފައިވާކަމަށް، ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިޔާދު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުން ހިމެނޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކަށް ދެކޮޅު ހައްދަވަމުންނެވެ.
ސަރުކާރުގެ މެމްބަރުން ރައްޔިތުންނަށްޓަކައި، ބަސް ނުބުނާ ސަބަބާއި މެދު ސުވާލު އުފައްދަވައި ޒިޔާދު ވިދާޅުވީ މަޖިލިސް މެމްބަރުން ތިއްބެވީ ދެ އަތް ބަނދެވިފައި ކަމަށެވެ. މީގެ ކުރިން އާރާއި، ބާރުގައި ތިބި އެތައް ބަޔަކު މިހާރު ފެންނަނީ އެއްވެސް އަޑެއް ނެތް ބައެއްގެ ގޮތުގައިކަމަށް ޒިޔާދު ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވީ ޕީއެންސީގެ ޖަލްސާތަކުން ފެށިގެން ގޮސް، މަޖިލީހުގައި ފެންނަ މަންޒަރަކީ ވެސް އެއީ ކަމަށެވެ.
ޒިޔާދު ވިދާޅުވީ، ޤާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހުތަކުގެ ސަބަބުން މެންބަރުންގެ އަމިއްލަ އިހުތިޔާރު ގެއްލި، ހުރިހާ މެންބަރުން ތިއްބެވީ ”ޒާތަކަށް ފިތިފައި“ ކަމަށެވެ. އަދި މެންބަރުން ދައްކާ ވާހަކަ އެ ހިސާބުން އެއްވެސް ބާރެއް ނެތި ގޮސްފައިވާކަމަށް ވިދާޅުވި އެވެ.
ޖަލްސާ ކުރިޔަށް ދިޔައިރު މަޖިލީހުގެ ރިޔާސަތުގައި ހުންނެވި، ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް އަމާޒުކޮށް ޒިޔާދު ވިދާޅުވީ، ރިޔާސަތުގައި އިންނެވީ ސިޔާސީ ގޮތުން ތަޖުރިބާހުރި ވަރުގަދަ ލީޑަރެއް ނަމަވެސް، މިއަދު ފެންނަނީ ކުރީގައި ހުންނެވި ބާރުތައް ކެނޑި މިލާފައިވާ މަންޒަރު ކަމަށެވެ.
ޒިޔާދު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި 900 މީހުން ތިބި ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ އަދަދު 2000 އަށްވުރެ މައްއްޗަށް އަރާނެ ކަމަށެވެ. އަދި ސިޔާސީ މުސާރަތަކަށް މަހަކު 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާކަން ފާހަގަކުރައްވައި، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކުގެ ބޭނުމެއް މިހާރު އެބައޮތްތޯ ސުވާލު އުފެއްދެވިއެވެ.
މީގެއިތުރުން، ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ބަސްބުނަން ލިބޭ ފުރުސަތު މަދުކޮށް، ދެވަނަ ދައުރެއް ހޯދުމަށް ބާރުތައް ބައްކުރުމަށް ކުރާކަމެއްގެ ގޮތުގައި ޒިޔާދު ސިފަކުރެއްވިއެވެ. ޒިޔާދު ވިދާޅުވީ އިންތިހާބުތަކަކީ ރައްޔިތުންނަށް ފައިދާވާ މޫސުމެއްކަމަށާއި، އިންތިހާބު ކައިރިވުމުން ނޫނީ ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށެވެ.
ޒިޔާދު ވިދާޅުވީ، ހުދުމުހުތާރުކަން ދޫކޮށް އަދުލުވެރި ވެރިކަމެއްކޮށްފިނަމަ ފުރުސަތު އޮންނާނެކަމަށާއި، ނޫންނަމަ މާ ބާރުގަދަ ވެރިކަންތައް ނިމިގެންދިޔަ ގޮތަށް މި ވެރިކަންވެސް ނިމިގެންދާނެ ކަމަށެވެ.

