އިދިކޮޅު އެމްޑީޕީއަކީ ދެ ފަހަރަށް ވެރިކަން ލިބުމުން މުޅި ދައުލަތާއި ގައުމު ބަނގުރޫޓުކޮށްލުމަށް ފަހު ފިލައި ރައްކާވެގެން ތިބި ބައެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގެ އިންތިހާބުތަކާ ކުރިމަތިލާން ބިރުގަންނަ ބައެއްކަމަށާއި، އިންތިހާބެއް ބާއްވައިގެން އެ ޕާޓީއަށް ލިބޭނެ އެއްވެސް ކާމިޔާބީއެއް ނެތްކަމަށެވެ.
ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ ފައިދާއަށްޓަކައި ކުރާ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ފަލާހު ވިދާޅުވީ، މަޖިލީހުގައި ބިލަކަށް ބަހުސްކުރުމަކީ ބިލު ފާސްވުން ނޫންކަމަށާއި، ނަމަވެސް އެމްޑީޕީން މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބައެއްގެ ގޮތުގައި ސިފަކޮށް އޮޅުވާލުމަށް ކަމަށެވެ. އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރެއްވުމުން ވެސް، އެމްޑީޕީގެ ބޭފުޅުންނަށް އެކަން ކަމުނުދިޔައީ އެ ބޭފުޅުން އިންތިހާބުތަކަށް ޖެހިލުންވާތީކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، މަޖިލީހަށް ބިލެއް ނުވަތަ ގާނޫނަކަށް ހުށަހަޅާ ކޮންމެ އިސްލާހެއް، އެމްޑީޕީން މާނަކުރަނީ އިންތިހާބުތައް ވަގަށް ނަގަން އުޅޭ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއަށް ރައްދުދެއްވައި ފަލާހު ވިދާޅުވީ، އެމްޑީޕީން ދިވެހި ރައްޔިތަކަށް އެއްޗެއް ލިބެން ނޭދޭ މިންވަރު މިއަދު ސާފުވެގެން ދާ ކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި، އުމުރުން 55 އަހަރުން މަތީގެ މީހުންނަކީ މަސައްކަތެއް ނުކުރެވޭނެ ނުކުޅެދޭ ބައެއްގެ ގޮތުގައި ސިފަކޮށް ޣަފޫރު ވަނީ އެ ފަރާތްތަކަށް މަލާމާތް ކުރައްވާފައެވެ. ނަމަވެސް، މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ އުމުރުން 65 އަހަރުވުމުން ލިބޭ ޕެންޝަން ދޫކޮށްލާފައި ވަޒީފާއަށް ދާން މަޖުބޫރުކުރާ ބިލެއް ނޫންކަމަށް ފަލާހު ވިދާޅުވިއެވެ.
މިއީ އެ މީހަކު އަމިއްލައަށް އިހުތިޔާރުކުރާ ކަމެއް. 5000 ރުފިޔާގެ ބަދަލުގައި 20،000 ރުފިޔާގެ މުސާރައަކަށް ސިއްހަތު ސަލާމަތުން ހުރިއްޔާ ވަޒީފާއަށް ދާނީތޯ ނޫނީ 5000 ރުފިޔާ ނަގައިގެން ހުންނާނީތޯ އެއީ އެ މީހެއްގެ އަމިއްލަ އިހުތިޔާރު
ދުނިޔޭގެ ސިއްހަތު ޖަމްިއއްޔާ (ޑަބްލިއުއެޗްއޯ) ގެ ދިރާސާތަކާ ހަވާލާދީ ފަލާހު ވިދާޅުވީ، މިހާރު 75 އަހަރާ ހަމައަށް މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި މަސައްކަތް ކުރެވޭ ކަމަށެވެ. ރާއްޖެއަކީ ތަރައްގީވަމުން އަންނަ، ގިނަ ވަޒީފާތަކެއް ހުރި ގައުމަކަށްވާއިރު، ބިދޭސީން ގިނަވަމުންދާ މި ދަނޑިވަޅުގައި އުމުރުން 55 އަހަރުން މަތީގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމަކީ މުހިންމު ކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުކިއުން އަމާޒުކޮށް ފަލާހު ވިދާޅުވީ، އެ ޕާޓީގެ ވިސްނުން ހުންނަނީ އުމުރުން ދުވަސްވީ މީހުން ”ކަނޑައި އެއްލާލަން“ ކަމަށެވެ. އަދި އެމްޑީޕީން ޒުވާނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މުޅި ދައުލަތަށް ވެސް ހެޔޮއެދިގެން އެއްވެސް ކަމެއް ނުކޮށްދޭނެކަމަށް ވިދާޅުވިއެވެ.

