ތެލަސީމިއާ ކޮންޓްރޯލްކުރުމަށާއި، ތެލެސީމިއާ ކުދިންގެ ފަރުވާ ލިބިގަތުމަށްޓަކައި އަހަރެއްގެ ތެރޭގައި ކުރަންޖެހޭ ޚަރަދުތަކުގެ ތެރެއިން، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޚަރަދުތައް ދިވެހި ދައުލަތުގެ ފަރާތުން އުފުލައި، އެ ޚަރަދުތައް ކޮށްދިނުމަށް ބޭނުންވާ ފައިސާ އެ ޚިދުމަތަށް ބޭނުންވާ ކުދިންގެ ނިސްބަތަށް ބަލައި، ކޮންމެ އަހަރަކު ވަކިން ޖަމާކުރެވެމުންދާނެ ގޮތް ހެދުމުގެ ގޮތުން ތެލަސީމިއާ ފަންޑެއް ގާއިމް ކުރަން ނިންމައި އެކަމުގެ ގަވާއިދެއް އެކުލަވައިލައިފިއެވެ.
ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ މޯލްޑިވްސް ބްލަޑް ސާވިސްއިން އެކުލަވާލި ތެލަސީމިއާ ފަންޑުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި ގަވާއިދުގެ މަޤްޞަދަކީ، ތެލެސީމިއާ ފަންޑަށް ފައިސާ ހޯދުމާއި، ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނެ ގޮތްތައް ބަޔާންކުރުމެވެ. އެގޮތުން ތެލަސީމިއާ ފަންޑަށް ފައިސާ ޖަމާ ކުރާނެ ގޮތާއި ފައިސާ ހޯދާނެ ގިތް ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުގައި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ފަރުވާދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ފަންޑަށް ފައިސާ ޖަމާކޮށް ހަރަދު ކުރެވިދާނެއެވެ.
ހަމައެހެންމެި ދިވެހިރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ފަރުވާދިނުމަށް އެހީގެ ގޮތުގައި ދިވެހިސަރުކާރަށް ދިވެހި ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު، ނުވަތަ އެނޫންވެސް ޤައުމެއްގެ ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާއަކުން ނުވަތަ ޖަމާޢަތަކު ވެސް ތެލަސީމިއާ ފަންޑަށް ފައިސާ ޖަމާކުރެވިދާނެއެވެ.
ފަންޑުން ފައިސާ ޚަރަދުކުރަންވާނީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން ، ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ފަރުވާދިނުމުގެ ނިޒާމު ހިންގުމަށްޓަކައެވެ. އެގޮތުންެ ތެލަސީމިއާގެ ފަރުވާއަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމަށް ތެލަސީޟިއާ ފަންޑުން ފައިސާ ބޭނުން ކުރެވިދާނެއެވެ. އަދިެ ލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ތެލަސީމިއާ ފަންޑުން ފައިސާ ބޭނުން ކުރެވޭއިރުެ ތެލެސީމިއާ ފަރުވާ ހަރުދަނާކުރުމަށް ބޭނުންވާ އެންމެ ހައި ވަސީލަތްތައް ހޯދުމަށް ވެސް ތެލަސީމިއާ ފަންޑުން ފައިސާ ބޭނުން ކުރެވޭނެއެވެ.

