ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން ތަރައްގީއަށް ހުރަސްއަޅާކަމަށް ބުނީ، އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަ ނުވެ: އެމްޑީޕީ

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެންމެ ބޮޑު ހުރަހަކީ ބައެއް ރަށްތަކުގެ ކައުންސިލްތަކުން ކުރިމަތިކުރުވާ ދަތިތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު އިދިކޮޅު މައި ޕާޓީ އެމްޑީޕީން ކުށްވެރިކޮށްފި އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ކައުންސިލް އިންތިހާބު ކާމިޔާބުވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ކައުންސިލްތަކުގެ ބޭނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ކައުންސިލް މެމްބަރުންގެ ގާނޫނީ ޒިންމާއަކީ އެއީ ނޫންކަމަށެވެ.

އެރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ރަށްތަކުގައި ކުރިޔަށް ގެންދަން ސޮއި ކުރި ބައެއް މަޝްރޫއުތައް ކައުންސިލްތަކުން ބިން ދޫނުކުރުމުގެ ސަބަބުން ކުރިޔަށް ގެންދެވޭ ގޮތް ނުވާކަމަށެވެ. ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކަކީ ގާނޫނީ ގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ބައެއް ނޫން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކައުންސިލަރުން އިންތިހާބު ކުރާ ނަމަ އެއީ ފުރަރަމަ ވެސް ނުބައި ސިގުނަލެއް ކަމަށެވެ.

ރައީސް ދެއްކެވި ވާހަކަތައް ކުށްވެރިކޮށް ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ، ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީކަމަށް ރައީސް ވިދާޅުވީ އެއްވެސް ހަގީގަތަކަށް މައްޗަށް ބުރަނުވެކަމަށެވެ. އަދި މިއީ ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިޚާބު ކާމިޔާބުކުރުމުގެ މަކަރުވެރި ރޭވުމެއްގެ ގޮތުގައި ސިފަކުރި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި ވަރަށް މުހިއްމު ގާނޫނެއްކަމަށް އެމްޑީޕީއިން މިކަމާއި ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭކަމެއްްކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި، 19 ވަނަ މަޖިލީހުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ގިނަ މަސައްކަތްތައް ކުރެވުނު ކަމަށެވެ. އެގޮތުން އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުގައި ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔަކަމަށް ބަޔާނުގައި ވެއެވެ.

ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިދިޔަ ދެ އަހަރު ވަނީ ހިންގާފައިކަމަށް ފާހަގަކޮށްފައިވެއެވެ. ބަޔާނުގައި ބުނެފައި ވަނީ މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްޤީއަށް އެދެވޭ ބަދަލެއް ގެނެވިފައިނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމި ތިބުމުން ކަމަށެވެ. އަދި އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނާދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވަނީ ބުނެފަ އެވެ.

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މާޝްވަރާކޮށް، 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީ ޕްލޭން ތަންފީޒުކޮށް، ހިންގުންކަމަށާއި، މި ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒުކުރަމުން ދަނިކޮށް ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނެސް ތަރައްޤީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް ވަނީ މެދު ކަނޑާލާފައިކަމަށްވެސް ބަޔާނުގައިވެއެވެ. މި ހާލަތުގައި ކައުންސިލްތައް ބޭއްވުމަށްފަހު ކައުންސިލްތަކުން އެކުލަވާލާ ފާސްކޮށްފައިވާ ތަރައްޤީގެ ޕްލޭނަށް ބެލުމެއް ނެތި ސަރުކާރުގެ ރޭވުމެއް، އަމާޒެއް ނެތް ސިޔާސަތުގެ ތެރެއިން ރަށްރަށުގައި އެކި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި އެތައް މަޝްރޫއުތަކެއްގެ ބިންގާ ދާދިމިދާކަށް ދުވަހު ވަނީ އަޅާފައިކަމަށް އެމްޑީޕީއިން ގަބޫލުކުރެއެވެ.

މި މަޝްރޫއުތައް ހުއްޓިފައި ވަނީ ކައުންސިލްތަކުން ބިންތައް ނުދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އާއްމުކޮށް އިއުލާނުކުރުމަކީ ކައުންސިލްތަކުގެ އަގު ވައްޓާލުންކަމަށާއި، އަދި އެބަސް އެގޮތަށް ވިދާޅުވުމުގެ ބޭނުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޤާނޫނާ ޤަވާއިދުތައް އެކަހެރިކޮށް އަދި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި ހަމައެކަނި ރައީސް އޮފީހުން އަންގާ އެންގުންތައް ތަންފީޒުކުރުމަށް އޮންނަ ތަނެއްގެ ގޮތުގައި ކައުންސިލްތައް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެހުރެ ރާވާ ރޭވުމެއް ދަށުން ހިނގާ ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ބަޔާނުގައި ވަނީ ކައުންސިލްތަކަކީ ވަކި ޤާނޫނީ ޝަޚުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނެ ގޮތް ޤާނޫނުން ކައުންސިލްތަކަށް ވަނީ ފަހި ކޮށްދީފައިވާކަމަށެވެ. ޤާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ، އަދި ރައްޔިތުން އިތުބާރާއި ތާއީދު ލިބިފައިވާ ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ މަޝްވަރާއެއް ނެތި އެއްވެސް ބަދަލެއް ނުގެނައުމަށްވެސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: