ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކަކީ އެއީ ރައްޔިތުންގެ ވިސްނުމާއި އިދިކޮޅަށް ގެންނަ އިސްލާޙުތަކަށް ވެގެން ނުވާނެކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ޤާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށް ގޮވާލާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބުރަނުވެ، ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެންކަމަށް ބުންޏެވެ.
އެމްޑީޕީން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި މުހިއްމު ގާނޫނެއްކަމަށެވެ.
2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އެމްޑީޕީއިން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފަވެއެވެ.
2018 ވަނަ އަހަރު އުފެދުނު އެމް.ޑީ.ޕީގެ ދެވަނަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް 19 ވަނަ ރައްޔިތުންގެ މަޖުލީހަށް މުހިއްމު ގިނަ އިސްލާހުތަކެއް ހުށައެޅުނުކަމަށާއި އެޕާޓީގެ ގެ ފުރިހަމަ މެޖޯރިޓީ އޮތް އެ މަޖްލިސް އިން ފާސްކުރި ގިނަ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެގެން ދިޔަކަމަށް އެ ޕާޓީއިން ބުނެއެވެ.
ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިދިޔަ ދެ އަހަރު ވަނީ ހިންގާފަވާކަން ފާހަގަކޮށް މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްޤީއަށް އެދެވޭ ބަދަލެއް ގެނެވިފައިނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމި ތިބީކަމަށް ވެސް އެމްޑީޕީއިން ބުނެއެވެ.
އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭ ކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނާދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ އެމްޑީޕީއިން ވަނީ މިކަން ކުއްވެރިކޮށްފައެވެ.
ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މާޝްވަރާކޮށް، 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީ ޕްލޭން ތަންފީޒުކުރުންކަން ފާހަގަކޮށް މި ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒުކުރަމުން ދަނިކޮށް ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނެސް ތަރައްޤީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް މެދު ކަނޑާލާފަވާކަމަށް އެޕްޑީޕީއިން ނެރުނު ނޫސް ބަޔާނުގަ ފާހަގަކޮށްފަވެއެވެ.

